ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި މުހައްމަދު ނިހާދު އައްޔަން ކުރައްވައިފި އެވެ.
މަގާމަށް އައްޔަން ކުރެއްވުމާ ގުޅޭގޮތުން ނިހާދު ”ދެންމެ“ އަށް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ ސަރުކާރުގައި ކަމަށާއި ހުންނެވީ ވެސް ސަރުކާރުގައި ކަމަށެވެ. އެއްވެސް މަގާމަކަށް އައްޔަން ކުރައްވާފައިވޭތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ސުވާލަށް ޖަވާބު ދެއްވުމަށް އޭނާ ވަނީ އުޒުރުވެރިވެ ވަޑައިގެންފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ނިހާދަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އިދިކޮޅު މައި ޕާޓީ އެމްޑީޕީގައި ހުންނެވި ނިހާދު، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އާ ގުޅިވަޑައިގެންފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އޭނާ ވާދަކުރައްވާފައެއް ނުވެ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރަކު ތިއްބަވަ އެވެ. އެއީ ހާރިޒް މުހައްމަދާއި އަހުމަދު ނާޒިމް މުހައްމަދެވެ. ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 43،500 ރުފިޔާ ލިބެ އެވެ. އެއީ އަހަރަކަށް ބަލާނަމަ، 522،000 ރުފިޔާ އެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު 700 އިން ދަށުގައި ހިފެހެއްޓުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު، އެ އަދަދު ގާތްގަނޑަކަށް 2،000 އާ ގާތްކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. މަގާމުތަކަށް އައްޔަންކޮށްފައިވާ މުވައްޒަފުންގެ އަދަދު ޔަގީންނުވާ މައްސަލާގައި އާންމުންގެ ފާޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ރަސްމީކޮށް ހާމަކުރާނެ ކަމަށް ސަރުކާރުން ބުނަމުން އައި ނަމަވެސް މިހާތަނަށް އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދާއި މުސާރައަށް ހޭދަކުރާ މިންވަރު ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިހަށް އެމްޑީޕީން މިފަހުން ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.
ގައުމަށް ދިމާވެފައިވާ އިގުތިސޯދީ ހާލަތާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވާފައިވާއިރު، އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުން ވަނީ ހިމަނުއްވާފަ އެވެ. މަގާމުތަކުގެ އަދަދު މަދުކުރަނީ ސަރުކާރުގެ ރިކަރަންޓު ހަރަދު ކުޑަކުރުމުގެ ގޮތުންކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.