އެމްޑީޕީ ސަރުކާރުން ނުދައްކައި އޮތް 144 މިލިޔަށް ހޯދުމަށް އޭޑީކޭއިން މަޖިލީހަށް ހުށަހަޅައިފި
ދެންމެ | 08 ޖުލައި 2024

ނިމިދިޔަ ރައީސް ސޯލިހްގެ އެމްޑީޕީ ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ދައްކަންޖެހި ނުދައްކާއޮތް 144 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމުގައި އެހީތެރިކަން ދިނުމަށް އެ ހޮސްޕިޓަލުން އެންމެފަހުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އޭޑީކޭއިން ފޮނުވި ސިޓީ އިއްވާފައިވާއިރު، އެ ހޮސްޕިޓަލުން ހިދުމަތް ހޯދުމަށްފަހު ސަރުކާރުން ނުދައްކާ 144،376،112 ރުފިޔާ ވާކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ އެކި މުއައްސަސާތަކަށް ދީފައިވާ ހިދުމަތްތަކުގެ އިތުރުން އާސަންދަ އަދި އެންސްޕާއަށް ދޫކޮށްފައިވާ ބިލްތަކުން ލިބެންޖެހޭ ފައިސާއެވެ.

ސިޓީގައި އޭޑީކޭއިްނ ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ސަރުކާރުން އޭޑީކޭއަށް 144 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހޭއިރު، މީގެ ތެރޭގައި ވަރަށް ގިނަދުވަސްވީ ބިލްތައް ހިމެނޭކަމަށެވެ. މިގޮތުން މީގެ ތެރެއިން 78.6 މިލިއަން ރުފިޔާ އަކީ ބިލްތައް ހުށަހެޅިތާ 90 ދުވަހަށްވުރެ ގިނަ ދުވަސްވެފައިހުރި ބިލްތައްކަމަށް އޭޑީކޭއިން ބުނެއެވެ. މި ސިޓީގައި އޭޑީކޭއިން ބުނެފައިވަނީ މި ފައިސާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެދެވެން އޮތް އެހީތެރިކަމެއް ދެއްވުން އެދޭކަމަށެވެ. އޭޑީކޭއިން މި ސިޓީ ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

މާލިއްޔަތު ކޮމިޓީން މިހާރު ވަނީ އޭޑީކޭއިން ހޯދުމަށް އެދިފައިވާ 144.4 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ނުލިބިވާ ފައިސާގެ އަދަދު ހޯދުމަށް އެ ހޮސްޕިޓަލަށް ސިޓީއެއް ފޮނުވުމަށް ނިންމާފައެވެ.

މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޑީކޭއަށް ލިބެންޖެހޭ ފައިސާގެ މައްސަލައިގައި މަޖިލީހުގެ އެހީތެރިކަން ހޯދުމަށް ނިންމީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ލިޔުމުންނާއި އެހެނިގެން ގޮސްގޮތުންވެސް ހުށަހަޅައިގެން ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!