ރައީސް ޑރ.މުއިއްޒު ވަނީ ޒުވާން ހަކަތަ އާއި ހީވާގި ކަމާއި ހަރުދަނާ ސިޔާސަތްތަކުގެ ސަބަބުން ދިވެހިންގެ ގިނަ ބައެއްގެ ހިތްތަކުގެ ލޯތްބާއި ހައްގު ޝުކުރު އަތުލައިގަނެފައެވެ.
އެމަނިކުފާނުގެ ދުރު ވިސްނުންފުޅުން ދިވެހި ވިޔަފާރިތައް ކުރިއެރުވުމާއި އިގްތިސާދު ރަނގަޅު ކުރުމަށް އިސްކަންދީގެން ވިޔަފާރިތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް ތަނަވަސްކަމާ ދިމާއަށް ގައުމު ގެންދިއުމަށް ވަނީ ޚާއްސަވެވަޑައިގެފަ އެވެ.
ދިވެހި ދައުލަތުގެ ވާރުތަވަމުން އަންނަ ބިޔަ ބޮޑު ދަރަނި އަރަނި ކުރުމުގެ ހިކުމަތާއިއެކު އިޤްތިޞާދީ މަސައްކަތް އިތުރުކޮށް, ސަރުކާރުގެ ތެރޭގައި އިޖްތިމާޢީ އަދި ތަޢުލީމީ މައްސަލަތައް ހައްލު ކުރުމުގައި އެމަނިކުފާނު ޙަރަކާތްތެރިވެ ވަޑައިގަންނަވަނީ ވަރުބަލި ކަމެއް ނެތި އެވެ.
އިގްތިސާދީ ގޮތުން ދުވަހަކު ވެސް ގައުމު ނުދެކޭ ފަދަ ދަރަޖައަކަށް ގެންދިއުމުގެ މަތިވެރި އަޒުމުގައި އެމަނިކުފާނު ނިކުމެ ހުންނެވީ ވަރުބަލި ކަމެއް ނެތި އެވެ.
ރަސްމާލެ މަސްރޫއު އާއި ތެޔޮ ފުނަދޫ ބިޒްނަސް ސެންޓަރާއި ކަނޑުގެ އަޑިން ގުޅާލެވޭ ޓަނަލްތަކަކީ މިއަދުގެ ރައީސް ޑރ. މިއިއްޒު ދިވެހިން ގެންދަން އެދޭ މިސްރާބުގެ ކުޑަކުޑަ މިންވަރެކެވެ.
ދިވެހި މި ވަތަން ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުއިއްޒުގެ ހަށިކޮޅުގައި ހަކަތަ އާއި ބުންވަރު އެބަހުއްޓެވެ. ސިކުޑިފުޅުގައި އިލްމާއި ހިލްމް އެބަހުއްޓެވެ. ޒުވާން ކަމުގެ ޖޯސް ގައުމީ ވަންތަކަމާއިއެކު އެމަނިކުފާނު ލޭ ފޮދުގައި އުތުރި އަރަނީ އެވެ.
އެމަނިކުފާނުގެ ދުރުވިސްނުން ފުޅުން ދުނިޔޭގެ އެންމެ ފަހުގެ ޑްރޯންތަކާއި އެކު ދިވެހި އަސްކަރިއްޔާ އާ އުސްމިނަކަށް އުދުއްސާލާފައިވާއިރު ޒުވާން ހަކަތައިގެ ލީޑަރު މިއަދު ވެސް ހުންނެވީ ދިވެހިންނަށް އުޖާލާ މުސްތަގުބަލެއް ހޯއްދެވުމަށް ފޫގަޅައިގެންނެވެ.
ރައީސް ޑރ. މުއިއްޒު އެމަނިކުފާނުގެ ކެޑިނޭޅި ކުރައްވަމުން ގެންދަވާ މި މަސައްކަތްތަކުގެ މަޤްޞަދަކީ ހުރިހާ ރައްޔިތުންނަށްވެސް މިއަށްވުރެ ހަމަޖެހޭ އަދި ހަމަހަމަ މުޖުތަމަޢެއް ބިނާ ކޮށްދެއްވުމެވެ.
ސިޔާސީ މައިދާނުގައި އެމަނިކުފާނު ވިދާ ބަބުޅަމުންދާއިރު, މިއަދު ދިވެހިންގެ މެދުގައި ރައީސް ޑރ.މުޢިއްޒު މަޝްހޫރު ވެވަޑައިގަންނަ ވަނީ ނަޒާހަތްތެރިކަމާއި އިހްލާސްތެރި ހުލުގު ހެޔޮ ބޭފުޅެއްގެ ގޮތުގަ އެވެ.
އެމަނިކުފާނަކީ ދީނީ ކަންކަމަށް ތަބާވެ، ދުވާލަކު ފަސް ފަހަރު ނަމާދު އަދާ ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް ފަތިސް ނަމާދަށް ބަހައްޓަވާ އަހްމިއްޔަތު ދިވެހި މުސްލިމު އުއްމަތުގެ މެދުގައި ވަނީ ރަނގަޅަށް ގުގުމާލާފަ އެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ހުލުގް ހެޔޮ ވާހަކަ ދެއްކުމުގެ ވައްޓަފާޅި ސިފަކުރެވެނީ އޮމާން އަދި އިޙްތިރާމް ލިބިގެންވާ ގޮތަކަށެވެ.
ތެދެކެވެ. ރައީސް ޑރ. މުއިއްޒަކީ ބޮޑުތިލަދުން މަތިން ބަބުޅާލި ބޮޑުތަކުރުފާނުން ފަދަ ލީޑަރެކެވެ.