ސަރުކާރުން މަސައްކަތްކުރަނީ މަޖިލީހުގައި މައިނޯރިޓީގެ އަޑު ކަނޑުވާލަން ކަމަށް އިދިކޮޅު އެމް.ޑީ.ޕީ އިން މިއަދު ބުނެފިއެވެ.
އެމް.ޑީ.ޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ސަރުކާރުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭރުކުރަނީ މައިނޯރިޓީ ޕާޓީގެ އަޑު ކަނޑުވާލުމަށް ކަމަށެވެ.
އެގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ވިދާޅުވީ އެމްޑީޕީން ހުށަހަޅާ ކުއްލި މައްސަލަތައް މަޖިލީހުން ބޭރުކުރަމުންދަނީ މަޖިލީހުގެ ވަގުތު ބޭކާރު ކުރާކަމަށް ބުނެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ކަމަށެވެ.
އޭގެ އިތުރުން ކުއްލި މައްސަލަ އާއި ގަރާރުތައް މަޖިލީހަށް ހުށަހެޅުން ހަނިކުރަން ނުވަތަ ހުށަނޭޅޭ ގޮތަށް ގަވައިދު އިސްލާހު ކުރުމަށް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވާހަކަ ދެއްކެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.
“އެއީ މައިނޯރިޓީގެ އަޑުކަނޑުވާލާނެ ކަމުގެ އިޝާރާތެއް ގޮތުގައި ގަބޫލުކުރަން.” މައުރޫފް މިއަދު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހިމް ނާޒިލް ވިދާޅުވީ ޕީއެންސީގެ މެންބަރުން މަޖިލީހުގައި ކުރާ ހަމައެކަނި ކަމަކީ ސަރުކާރަށް ސަނާ ކިޔުން ކަމަށެވެ.
ހަމައެއާއެކު އެމްޑީޕީން ހުށައަޅާ މައްސަލަތައް ތަޅުމުން ބޭރުކުރި ނަމަވެސް އެމްޑީޕީން ކުރަމުންދާ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތްކުރަނީ މަޖިލީހުގައި މައިނޯރިޓީގެ އަޑު ކަނޑުވާލަން ކަމަށް އިދިކޮޅު އެމް.ޑީ.ޕީ އިން މިއަދު ބުނެފައިވާއިރު އިއްޔެ އާއި މިއަދު އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލަތައް މަޖިލީހަށް ބަލައި ނުގަނެ ވަނީ ބޭރު ކޮށްލައިފައެވެ.