ސިއްހީ ސަބަބުތަކަށްޓަކައި ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ހީީލުމަށް އަންގާ ޖަޕާނުގައި މިލިއަނަކަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ޔަމަގަޓާ ޕްރިފެކްޗާއިން އައު ގާނޫނެއް ފާސްކޮށްފިއެވެ.
ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް ޓަކައި ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ހީީލުމަށް ގޮވާލައި ގާނޫނެއް ޖަޕާނުގެ ޔަމަގަޓާ ޕްރިފެކްޗާގެ ލޯކަލް ގަވަރމެންޓަކުން ފާސްކޮށްފައިވާއިރު، ސައުތު ޗައިނާ މޯނިން ޕޯސްޓް (އެސްސީއެމްޕީ) އިން ބުނި ގޮތުގައި މިދިޔަ ހަފުތާގައި އެކުލަވާލި އާ ގާނޫނަކީ ހީލުމަކީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް އެ ގައުމުގެ ޔުނިވާސިޓީއަކުން ކުރި ދިރާސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ގާނޫނެކެވެ. އޭގެ ބޭނުމަކީ ޔަމަގަޓާގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ހީލުމަށް ބާރުއެޅުމެވެ. އަދި ވިޔަފާރިވެރިން ”ހީލުމުން ފުރިގެންވާ މަސައްކަތުގެ މާހައުލެއް ތަރައްގީ ކުރުމަށް“ އެ ގާނޫނުގައި ވަނީ ހިމަނައިފައެވެ.
އެސްސީއެމްޕީން ބުނީ ކޮންމެ ދުވަހަކު ހީލުމުގެ އިތުރުން ކޮންމެ މަހެއްގެ އަށް ވަނަ ދުވަހަކީ ”ރައްޔިތުން ހީލައިގެން ސިއްހަތު ކުރިއެރުވޭނެ ދުވަހެއް“ ކަމަށް ވެސް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އާ ގާނޫނަކީ ޔަމަގަޓާ ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެޑިސިންގައި ހީލުމާއި ގުޅޭ ގޮތުން މިހާރު ކުރަމުން އަންނަ ދިރާސާތަކުގެ ނަތީޖާއެކެވެ. އެ ޔުނިވާސިޓީގެ ދިރާސާތަކުން ހާމަވެފައިގޮތުގައި ހީލުމާއި ގުޅިފައިވަނީ ސިއްހަތު ރަނގަޅުވުމާއި އުމުރު ދިގުުމެވެ. އަދި ހިތުގެ ބަލިތައް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި ވަނީ ހީލުން މަދު ބައެއްގެ ތެރޭގައި ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.
ނަމަވެސް އެ އުސޫލާ އިދިކޮޅަށް ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. އެ އުސޫލަކީ ހީނުލެވޭ މީހުންނަށް ނޭދެވޭ އަސަރުކޮށް، ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަށް އަރައިގަތުން ކަމަށް ދަނީ ބުނަމުންނެވެ.