”ފުށް ފެކްޓަރީ“ގެ މަސައްކަތް ކުރިއަށް ނުގެންދަން އެސްޓީއޯ އިން ނިންމައިފި
ދެންމެ | 13 ޖުލައި 2024

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީންކުރުމުގެ ގޮތުން ގޮދަށްފުށް ބަންދުކުރަން އަޅަން ވާހަކަ ދެކެވުނު، ”ފުށް ފެކްޓަރީ“ގެ މަސައްކަތް ކުރިއަށް ނުގެންދަން އެސްޓީއޯ އިން ނިންމައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އެސްޓީއޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެގޮތަށް ނިންމީ ކުންފުނީގެ ބޯޑުން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ޝިމާދު ވިދާޅުވީ އެންމެ ފަހުން ހެދި ފީސިބިލިޓީ ސްޓަޑީން ދައްކާ ގޮތުގައި ފުށް ފެކްޓަރީ އަކީ ފައިދާވާނެ ވިޔަފާރިއެއް ކަމަށް ނުފެންނާތީ އެ ވިޔަފާރީގެ ތެރެއަށް ނުވަނުމަށް ބޯޑުން ނިންމީ ކަމަށެވެ.

”ކުރިން ހެދި ފީސިބިލިޓީ އާއި، މިހާރުގެ ފީސިބިލިޓީ ހެދި އިރު މި އަންނަ ކޯސްޓުތަކާއި އަޅާ ބަލާއިރު، އެހާ ފީސިބަލް ކަމަކަށް ނުވާތީ މިހާރު އަޅުގަނޑުމެން ފުށް ފެކްޓަރީގެ މަސައްކަތް ކުރިއަށް ނުގެންދަން ބޯޑުން އޮންނާނީ ނިންމާފައި.“ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝިމާދު ރޭ ވިދާޅުވި އެވެ.

އެސްޓީއޯ އިން ރާއްޖޭގައި ފުށް އުފައްދަން ނިންމީ މިދިޔަ ސަރުކާރުގަ އެވެ. އެ ފެކްޓަރީ ހދ. ކުޅުދުއްފުށީގައި އަޅަން ނިންމާ ބިންވެސް ހަމަޖެއްސި އެވެ. ކުރީ ސަރުކާރުގެ އެސްޓީއޯގެ ވެރިން ވިދާޅޫވެފައިވަނީ ފުށް ފެކްޓަރީގެ މަސައްކަތް ފެށުމުން ރާއްޖެއަށް ކާޑު އެތެރެކުރަން ކުރާ ހަރަދު ލުއި ވެގެންދާނެ ކަމަށާއި ފުށް ރައްކާކޮށްފައި ބެހެއްޓޭ މުއްދަތު ވެސް އިތުރު ކުރެވޭނެ ކަމަށެވެ.

ނަމަވެސް ނިމުނު ސަރުކާރުގައި އެސްޓީއޯގެ އެމްޑީކަމުގައި ދެ ބޭފުޅަކު ހިދުމަތް ކުރެއްވި ނަމަވެސް ފަސް އަހަރުގެ ދައުރު ނިމުނީ ފުށް ފެކްޓްރީގެ ހިލަމެއްނުވެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު މަގާމަށް ރައީސް ސޯލިހު ސަރުކާރުން ފުރަތަމަ އައްޔަނު ކުރެއްވި ހުސައިން އަމްރު އެމަގާމުން ދުރުކުރި ފަހުން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ރާޢްޖޭގައި ފުށް ފެކްޓްރީއެއް އެޅުމަކީ އޭނާގެ ޕްލޭނެއް ކަމަށާއި، އެސްޓީއޯ އާއި ހަވާލުވުމުގެ ކުރިން ވެސް ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމާމެދު ވާހަކަ ދައްކާފައި ވާނެ ކަމަށެވެ.

އެހެން ނަމަވެސް، އެކަން ނުކުރެވިއޮތީ، ފެކްޓްރީ ކުޅުދުއްފުށީގައި ގާއިމްކުރުމަށް ރައީސް އޮފީހުން ބޭނުން ނުވުމުން ކަމަށާއި، އަދި ބަދަލުގަ އެ އެކަމަށް އެހެން ތަނެއް ވެސް ރައީސް އޮފީހުން ދައްކާފައި ނުވާކަމަށް އަމްރު ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ ފުށް ފެކްޓްރީ ނަހަދަން ނިންމި ނަމަވެސް އާ ވިޔަފާރިތަކުގެ ތެރެއަށް ވަންނަން ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ބަންކަރިންގެ ހިދުމަތް އަންނަމަހުގެތެރޭ ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މި ހިދުމަތް ފެށިގެން މިދަނީ ކުރިން ބުނި މުއްދަތުގެ ތެރޭގައިކަން ޝިމާދު ފާހަގަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!