އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓް ރޭ ކައިވެނިކޮށްފި އެވެ.
އާނަންތު އާއި ރާދިކާ ކައިވެނި ކުރީ ރޭ މުމްބާއީގެ ޖިއޯ ވޯލްޑް ސެންޓަރުގައި ބޭއްވި ބޮޑު ހަފުލާގަ އެވެ. މި ކުލަގަދަ ހަފުލާގައި އެ ދެމީހުންގެ އާއިލާގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ބައިވެރިވި އެވެ. ބައެއް ނޫސްތަކުން ސިފަކޮށްފައިވާ ގޮތުގައި ”މިއީ މިހާތަނަށް ދުނިޔޭގައި ބޭއްވި އެންމެ ބޮޑު ކައިވެނީގެ ހަފުލާ“ އެވެ.
ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހަށް މިހާރު ކުރިއަށް ގެންދާ ކައިވެނީގެ އެކި ހަފުލާތަކަށް އަމްބާނީ އާއިލާއިން ވަނީ 320 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި، ހަފުލާގެ ހަރަދުތަކުގެ އިތުރުން މެހުމާނުންނަށް އެކޮމޮޓޭޑްކުރުމަށްޓަކައި ހިނގި ހަރަދުތައް ވެސް ހިމެނެ އެވެ.
މިދިޔަ ޖެނުއަރީ މަހުން ފެށިގެން ބޭއްވި މި ކައިވެންޏާ ގުޅޭ އެކި ހަފުލާތަކަށް މިހާތަނަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ދަ ގާޑިއަން އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
މި ކައިވެންޏަށް މުޅި ބޮލީވުޑް ވަނީ އެއްތަންވެފަ އެވެ. ރޭގެ ހަފުލާ އަށް ދިޔަ ބޮލީވުޑްގެ ސުޕަސްޓާރުންގެ ތެރޭގައި އަމީތާބް ބައްޗަން އާއި ޝާހްރުކް ހާން އާއި ސަލްމާން ހާން އަދި އެ ތިން ތަރިންގެ އާއިލާގެ ހުރިހާ މެމްބަރުން ހިމެނެ އެވެ. ދެކުނު އިންޑިއާގެ ސިނަމާގައި މަސައްކަތްކުރާ މަޝްހޫރު ގިނަ ތަރިން ވެސް މި ކައިވެންޏަށް ދިޔަ އެވެ.
ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ވެސް މި ކައިވެންޏަށް ދިޔަ އެވެ. އެ ހަފުލާގައި ދެމީހުން ނަށާ ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީ ކިމް ކަޑޭޝިއަން އާއި އޭނާގެ ކޮއްކޮ ކްލޯއީ ކަޑޭޝިއަން ވެސް ވަނީ ރޭގެ ހަފުލާގައި ބައިވެރިވެފަ އެވެ. އެމެރިކާގެ އެކްޓަރު ޖޯން ސީނާ ވެސް ދިޔަ އެވެ.
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި ބޮރިސް ޖޯންސަންސް ވެސް މި ހަފުލާއަށް ވަޑައިގަތެވެ.
މި ކައިވެނީގެ ކުރިން ބޭއްވި ހަފުލާއެއްގައި ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ޕާފޯމްކޮށްފައިވެ އެވެ.
ދުނިޔޭގެ ގިނަ މަހުޖަނުންނާއި ޝާހީ އާއިލާތަކުގެ ބޭފުޅުންނާއި ހޮލީވުޑް އަދި ބޮލީވުޑްގެ ތަރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެ ދެމީހުންގެ ކައިވެނީގެ ކުރިން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ހަފުލާތަކުގައި ވެސް ބައިވެރިވެފަ އެވެ. އަދި ބާބޭޑޮސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ވަނީ އޭގެން ހަފުލާއެއްގައި ޕާފޯމް ވެސް ކޮށްފަ އެވެ.
އެ ހަފުލާތަކަށް ދައުވަތު ދީގެން ވަޑައިގެންނެވި މެހުމާނުންގެ ތެރޭގައި މައިކްރޮސޮފްޓްގެ ފައުންޑާ ބިލް ގޭޓްސް އާއި ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް އަދި އިވަންކާ ޓްރަމްޕް ވެސް ހިމެނެ އެވެ.