ރާއްޖޭގެ މަސްވެރިކަން ދަށްވެ، މިފްކޯގެ ފިހާރަތަކުން ކަޅުބިލަމަހުގެ އުފެއްދުންތައް ހުސްވެއްޖެއެވެ.
މިފްކޯގެ ފިހާރަތަކުން މަހުގެ އުފެއްދުންތައް ހުސްވުމާ ގުޅިގެން ކުރަމުން އަންނަ ޝަކުވާތަކަށް ޖަވާބުދީ މިއަދު އެ ކުންފުނިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިހާލަތުގައި ވެސް ދަޅުމަސް އެއްވެސް ލިމިޓެއް ނެތި ލިބޭނެ ކަމަށެވެ.
“މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް މިވަގުތު ނުވަތަ މި ދުވަސްވަރު މަދުވުން ނުވަތަ ހުސްވެފައިވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދުވެސް މި ދުވަސްވަރު ދަށްވުމުގެ ސަބަބުން،” އެ މެސެޖުގައިވެއެވެ.
މިފްކޯއިން ބުނީ މި ދުވަސްވަރު ޕްރޮޑަކްޝަން އެހާ ދަށްވެފައިވަނީ ވެލިއު އެޑެޑް އުފެއްދުންތަކުގެ ތެރެއިން ވެސް ކަޅުބިލަމަސް ނުލިބޭތީ ކަމަށެވެ.
“މިހާލަތުގައި ކަން މިގޮތަށް އޮތް ނަމަވެސް ކަންނެލި މަހުގެ އުފެއްދުންތައް ކުރިއެކޭ އެއްގޮތަށް މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެ،” އެ ކުންފުނިން އިތުރަށް ބުންޏެވެ.
ހުވަދު އަތޮޅުގެ މަސްވެރިއަކު ކިޔައިދިން ގޮތުގައި މި ދުވަސްވަރަކީ މޫސުމީ ގޮތުން ވެސް މަސްވެރިކަން ދަށް ދުވަސް ވަރެކެވެ.
އެއާއެކު، މިފްކޯއިން މަސް ގަންނަ އަގު ދަށްކޮށްފައި ވުމުން، ޚަރަދު ދެކޮޅު ނުޖެހޭނެތީ މަހަށް ނުކުތުން ވަރަށް ބޮޑަށް މަދުވެފައިވާކަމަށް އޭނާ ބުންޏެވެ.