އެކައުންޓުން ފައިސާ ގެއްލޭ މައްސަލައިގައި ބީއެމްއެލް މަޖިލީހަށް ހާޒިރު ކުރަނީ
ދެންމެ | 16 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ބޭންކް އޮފް މޯލްޑްވްސް (ބީއެމްއެލް)ގެ ވެރިން ހާޒިރުކޮށް ސުވާލުކުރުމަށް އެ ކޮމިޓީން ފާސްކޮށްފި އެވެ.

އެސްއޯއީ ކޮމިޓީން މިއަދު ވަނީ ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ނޭނގި ފައިސާ ގެއްލޭ މައްސަލައިގައި 19 ވަނަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާ މެދު މަޝްވަރާކޮށްފަ އެވެ.

އެ މަޝްވަރާގެ ތެރެއިން އެ ރިޕޯޓުގައި ހުރި ހުށެޅުންތައް ތަންފީޒުވެފައިވާ މިންވަރު ދެނެގަތުމަށް ބީއެމްއެލްގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ފަހުން ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވަނީ ބީއެމްއެލް އާއެކު އެހެން އިދާރާތަކެއްގެ ވެރިންވެސް ހާޒިރު ކުރުމަށް ހުށަހަޅުއްވައިފަ އެވެ.

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ ބީއެމްއެލްގެ ފަރާތުން ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ނުދެވޭ ކަމަށެވެ.

”ފަހުން ލިމިޓް ކުރީ ކޮމިޝަން ކުޑައެއް ނުވެޔޯ. ތިމަންނަމެން އަތުން އަހަރުން އަހަރަށް ކޮމިޝަން ނަގައޭ. އެކަމަކު ލިމިޓް ކޮށްގެން ލިބޭ ސާވިސް ނުލިބެއޭ. ކަނޑާ ވަރަށް ކަނޑައޭ ހިދުމަތެއް ނުލިބެއޭ,“ އިބްރާހިމް ދީދީ ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު ވިދާޅުވީ ބީއެމްއެލްއަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެއް ނަމަވެސް އެ ކުންފުންޏަކަށް މިހާރު ދިވެހި ރައްޔިތުން އިތުބާރު ނުކުރާ ކަމަށެވެ.

މީކާއިލް އާއި ސަމީރުގެ ހުށަހެޅުމާ ގުޅިގެން އެސްއޯއީ ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ބީއެމްއެލް އާއެކު ފުލުހުންނާއި އެމްއެމްއޭވެސް ހާޒިރުކުރުމަށް ހުށަހަޅުއްވައިފަ އެވެ. އަދި މޯލްޑިވްސް ކަރެކްޝަންސް ސާވިސް ވެސް އެ މައްސަލައިގެ ތެރޭގައި ހިމެނުމަށް ނިންމައި، އެކަން ކަރެކްޝަނަށް އެންގުމަށްވެސް ނިންމެވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!