ކައިވެނިކޮށް، ލަހުން ރަޖިސްޓްރީ ކުރާ ނަމަ އަދަބު ދޭން ނިންމައިފި
ދެންމެ | 16 ޖުލައި 2024

އާއިލާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ލަހުން، ރާއްޖޭން ބޭރުގައި ދިވެއްސަކު ކުރި ކައިވެންޏެއް ރަޖިސްޓްރީ ކުރަން ހުށަހަޅައިފިނަމަ ޖޫރިމަނާ ކުރުމަށް ފެމިލީ ކޯޓުން ނިންމައިފި އެވެ.

ގާނޫނުގައި ބަޔާންކުރާ ގޮތުން، ރާއްޖޭގެ ރަސްމީ އޮފީހެއް ހުރި ގައުމެއް ނަމަ މަދުވެގެން ދެ މަސް ދުވަސް ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކުރަން ޖެހެ އެވެ. އެފަދަ އޮފީހެއް ނެތް ގައުމެއް ނަމަ މަދުވެގެން ހަ މަސް ތެރޭގައި ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހެ އެވެ.

ފެމިލީ ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މުއްދަތު ހަމަވާ ފަހުން ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މުއްދަތު ހަމަވާ ފަހުން ހުށަހަޅާ ފޯމެއް ބަލައިގަނެވޭނީ 1،000 ރ. ގެ ޖޫރިމަނާއެއް ދެއްކުމުން ކަމަށް އެ ކޯޓުން ބުންޏެވެ.

ރާއްޖޭން ބޭރުގައި ދިވެއްސަކު ކުރާ ކައިވެންޏެއް ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ ލިޔެކިޔުންތަކާ އެކު ކޯޓަށް ހުށަހަޅައިފިނަމަ ރަސްމީ ހަތް ދުވަސް ތެރޭގައި އެ ކައިވެންޏެއް ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ކޯޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!