ފެނަކަ ދަވާލައިގެން މުއްސަދިވި މީހުންގެ މިލްކިއްޔާތު ބަލަން އޭސީސީ ނިންމައިފި
ދެންމެ | 17 ޖުލައި 2024

ފެނާއި ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ ކުންފުނި، ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖްމެންޓުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން ނުހައްގުން މުއްސަނދިކަން ހޯދި ފަރާތްތައް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ވަނީ ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން (އިއްބެ) ވަނީ އޭސީސީން ބަލަމުންދާ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

އިއްބެގެ ސުވާލަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ފެނަކައިގެ 60 މަޝްރޫއުއެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލަތަކެއް ބަލަމުންދާ އަންނަ ކަމަށެވެ.

ޝާމިލް ވިދާޅުވީ މައްސަލައިގެ ޕްލިމިނަރީ ހޯދުންތައް ހޯދިފައިވާ ކަމަށެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ މަޝްރޫއުތަކުން މީހުންނަށް މަންފާ ލިބުނު ގޮތް ހޯދުން ކަމަށް ވިދާޅުވި އެވެ.

”މިހާރު މަސައްކަތް މިކުރަނީ އިތުރު މަންފާ ލިބިފައި އޮތީ ކިހިނެތްތޯ ބަލަން، އެ ބަލައިގެން ނޫނީ ނުހައްގު މުއްސަނދިކަން ހޯދިފައިވާ އޮތްގޮތް ނުހޯދޭނެ“ އޭނާ ވިދާޅުވި އެވެ.

ޝާމިލް އިތުރަށް ވިދާޅުވީ، އެ މައްސަލާ ގައި ހިމެނޭ ފަރާތްތަކުގެ ބޭންކް ޓްރާސެކްޝަންތަކާއި، މިލްކިއްޔާތާއި، ހިންގި މުއާމަލާތްތައް ބެލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަަމަށެވެ.

”މިހާރު ވެސް ބަލާއިރު ފާހަގަވެފައި ވަނީ ފެނަކައިގެ ކަންކަމުގައި ވަކި ދުވަސްވަރެއްގައި، ފެނަކައިގެ ތެރޭގައި ޕްރޮޖެކްޓްތަކުގެ ނަމުގައި ވަޒީފާތަކެއް ވަރަށް ބައިވަރު އުފައްދާފައި ހުރިކަން. އެ ވަޒީފާތައް ދިނުމުގައި އެ ބޭފުޅުންނަށް ކެއުމާއި ސަޔާއި، އެ ބޭފުޅުން އެ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ވަކި ފަރާތްތަކަަށް ފައިދާވަ ގޮތަކަށް ނަގާފައި ހުރީ“ ޝާމިލް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!