ތެލުލި ބަބުކެޔޮ ކައިގެން ފޮޑި ތެޅޭ ތަ!
ދެންމެ | 17 ޖުލައި 2024

ކެއުމުގައި ބޭނުން ކުރެވޭ ބައެއް ބާވަތްތަކުގެ ސަބަބުން ބަނޑުގައި ވައި ހެދޭގޮތްވެއެވެ. މިގޮތަށް ވައިގެ އުނދަގޫ ބޮޑުވަނީ އެކި މީހުންނަށް އެކި މިންވަރަށެވެ. އަދި އެކި މީހުންނަށް އެކި ބާވަތްތަކުގެ ކާނާގެ ސަބަބުން ވައިގެ އުނދަގޫ ބޮޑުވާ ގޮތްވެއެވެ. ކަންމިހެން ހުރިނަމަވެސް ގިނަބަޔަކު އިއްތިފާގުވާ އެއްކަމަކީ ބަނބުކޭލަކީ އޭގެ ސަބަބުން ބަނޑުގައި ވައި ހެދޭ އެއްޗެއްކަމެވެ. ބަނބުކެޔޮ ކެއުމަކީ އޭގެ ސަބަބުން ބައެއްމީހުންނަށް ”މިއުޒިކު ސޯ“ ތައް ބޭއްވޭކަމެކެވެ. ހާއްސަކޮށް ތެލުލި ބަނބުކޭލަކީ މިކަމުގައި ނަންހިނގާ ކާނާއެކެވެ. އަދި ކިއެއް، މިއީ ގިނަ ބަޔަކު ކެއުމަށް ލޯބިވެސް ކުރާ ކާނާއެކެވެ.

ތެލުލި ބަނބުކެޔޮ ކައިގެން ވައިގެ އުނދަގޫބޮޑުވަނީ ކީއްވެތޯ ބަލައިލަމާ ހިނގާށެވެ. ބަނބުކޭލުގައި ހުންނަ މާއްދާތަކުގެ ސަބަބުން ހަޖަމުގެ ނިޒާމަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ވައި އުފެދޭ ގޮތްވެއެވެ. އެއީ އޭގައި ހުންނަ ހަކުރުގެ ގިނަ ސްޓާޗު އަދި ކާބޯހައިޑްރޭޓްސްގެ ތަފާތު ގިނަ މާއްދާތަކެއްގެ ސަބަބުނެވެ. އޭގެ ތެރޭގައި ފްރަކްޓޯސް، ލެކްޓޯސް، ރެފިނޯސް އަދި ސޯބިޓޯލް ނަމަކަށް ކިޔާ މާއްދާތަކެއް ހިމެނެއެވެ. ބަނބުކޭލުގައި ހުންނަ މި މާއްދާތަކާއި ބަނބުކޭލުގައި ހިމެނޭ ފައިބަރުގެ މާއްދާ އެކުވުމުން، ބަނބުކެޔޮ ހަޖަމު ވުމުގައި މައިދާއަށް ދަތިތަކެއް ކުރިމަތިވެއެވެ. އަދި މި ދަތިކަމުގެ ތެރެއަށް އިތުރުވަނީ ތެލުލި ބަނބުކެޔޮ ތެލަށް އަޅަން ބޭނުން ކުރާ ތެލުގައި ހުންނަ ފެޓުގެ މާއްދާއެވެ. މިއީ ވެސް ހަޖަމު ކުރަން އުނދަގޫ މާއްދާއެކެވެ. މިގޮތައް ހަޖަމަށް އުނދަގޫވެ، ހަޖަމު ނުވެ ލަސްވުމުގެ ނަތީޖާ އަކީ މައިދާގައި ގޭސް އުފެދުމެވެ. ތެލުލި ބަނބުކެޔޮ ހަޖަމު ކުރުމުގައި މައިދާ އާއި ގޮހޮރު މިހިރަ އުފުލަން ޖެހޭ ބޮޑު ތަކުލީފަށް ލުޔެއް ދިނުމުގެ ގޮތުން، މައިދާ އާއި ގޮހޮރުގައި ހުންނަ ފައިދާކުރަނިމި ޖަރާސީމުތައްވެސް ހަރަކާތްތެރިވާން ފަށައެވެ. މި ޖަރާސީމުތައް ހަރަކާތްތެރިވެ ހެލިފެލިވެ އުޅޭ ކަމީވެސް ވައި އުފެދެން މެދުވެރިވާ އަނެއް ސަބަބެކެވެ.

ކުރު ގޮތަކަށް، މި ބަލާލެވުނީ ތެލުލި ބަނބުކޭލުން ވައިގެ އުނދަގޫ ބޮޑުވާ ސަބަބުތަކަށެވެ. ބައެއް މީހުންނީ ތެލުލި ބަނބުކެޔޮ ކާން އެހާ ފޯރި ހުންނަ ބައެކެވެ. އަދި ހަމަ އެ ފޯރިއާއި އެއްވަރަށް އެބައިމީހުން ވައިވެސް ބޭރު ކުރެއެވެ. ގިނަފަހަރަށް ހަޖަމުގެ ނިޒާމުން ބޭރުވާ މި ވައި، ބޭރުވަނީ ފުރަގަސް ފަރާތުންނެވެ.

ބަނބުކެޔޮ ކައިގެން ވައިގެ އުނދަގޫ ކުރުމުގައި އެކި މީހުން ތަފާތުވެދާނެއެވެ. އެހެނީ އެމީހެއްގެ ހަށިގަނޑު އިސްވެ ދެންނެވުނު މާއްދާތަކަށް ”ރުހޭ“ މިންވަރެއްގެ މައްޗަށް މިކަން ބިނާވެފައިވާތީއެވެ. މިގޮތަށް އުފެދޭ ވައި ބޭރުނުވާނަމަ އެއީ އޭގެ ސަބަބުން ތަދާއި ވޭން ލިބިދާނެ ކަމެކެވެ. އެގޮތުން މިގޮތައް އުފެދޭ ވައިތައް އަނގައިންނާއި ފުރަގަސްފަރާތުން ބޭރުވާ މި ނިޒާމަކީ ޤުދުރަތުގެ ފުރިހަމަ ރޭވުމުގެ ތެރެއިން ހިނގާ ފުރިހަމަ ނިޒާމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!