ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަ ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ޖަލްސާގައި ވާހަަކަފުޅު ދައްކަވަަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން ކަމަށެވެ.
”އަޅުގަނޑުމެން ކުޑަ އިރު ކީރިތި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހާ މަދު އަދަދެއްގެ ބައެއް. ނަމަވެސް މިހާރު އެ އަދަދު އެތައް ގުނައަކުން އިތުރުވަމުން އެބަދޭ. އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން. އެ ކަމަށްޓަކައި ވަސީލަތްތައް އިތުރުކުރެވިގެން ދާނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެވިގެން ދާނެ،“. ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހި ދައުލަތް ހިންގުމުގެ މަތިވެރި އަމާނާތް ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި އިރު، އެމަނިކުފާނު ދިވެހި ދައުލަތް ހިންގަން ބޭނުންފުޅު ވަނީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ، އިސްލާމްދީނަށް ނަސްރުދިނުމަކީ އެންމެ އިސްކަން ދޭނެ ގައުމީ އެއް ވާޖިބު ކަމަށެވެ. ރައީސް ވިދާޅުވީ، އެކަމަށްޓަކައި ކީރިތި ޤުރްއާނުގެ އިލްމު ފެތުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަަށެވެ.
”ކީރިތި ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް އަދި އެ ކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނަން. ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެންވުމަކީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތް. އެއީ ދުނިޔޭގައި ވެސް ހެޔޮކަން އަދި އާހިރަތުގައި ވެސް ހެޔޮކަން ލިބޭ ހަމަ އެކަނި މަގު،“. ރައީސް ވިދާޅުވިއެވެ.
މިގޮތުން ކީރިތި ގުރްއާނުގެ އިލްމާއި ކީރިތި ގުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
އަދި ކޮންމެ ކަމެއް ކުރުމުގައި މާލީ އެހީތެރިކަން ބޭނުންވާތީ އެ ކަމަށް ވެސް ހާއްސަ ވިސްނުންތަކެއް ތަންފީޒު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
”މި ގޮތުން ބަލާއިރު، މި ވަގުތު މާލޭގައި ހުރީ ދާރުލް އީމާންގެ ނަމުގައި ހުރި އެންމެ ވަގުފު އިމާރާތެއް. މި އިމާރާތަށް އަހަރަކު ލިބެނީ ހަ މިލިޔަން ރުފިޔާ. މި ސަރުކާރުގެ ވިސްނުމަކީ ދީނީ ކަންކަން ކުރިއެރުވުމަށް ޓަކައި ކުރަން ޖެހޭ ހޭދަޔަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުން. އެހެންކަމުން ދާރުއްސަލާމްގެ ނަމުގައި އާ ވަފުޤު އިމާރާތެއް އެޅުމަށް ޓަކައި މަސައްކަތްކުރެވެމުން އެބަދޭ. ހަމަ އެހެންމެ [ދާރުލްއަރްޤަމް]ގެ ނަމުގައި އެހެން ވަގުފު އިމާރާތެއް އެޅުމަށް ބިމެއް ހަމަ ޖެހި އެ ބިން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިޔަށް ގެންދަވާނެ،“. ރައީސް ވިދާޅުވެފައި ވެއެވެ.
އަދި ހިލޭ ކީރިތި ގުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރެވޭނެކަން ފާހަގަކުރައްވަމުން ރައީސް ވަނީ މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގައި ކީރިތި ގުރްއާން ކިޔެވުމުގެ ފަންނު ކުރިއަރައިދާ މަންޒަރު ފެނުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އެމަނިކުފާނަށް ލިބޭ ކެމެކެެވެ.