ތައިލެންޑުގެ އިމިގްރޭޝަން އުޞޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، 15 ޖުލައި 2024 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ތައިލެންޑް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިގޮތުން، ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލަންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 (ފަސްދޮޅަސް) ދުވަހު ތައިލެންޑުގައި ހުރެވޭގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ޙާލަތެއް މެދުވެރިވެއްޖެނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 (ތިރީސް) ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށްވެސް ބުންޏެވެ.
މިއާއެކު މިނިސްޓްރީން ވަނީ، ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ދަތުރަށްފެށުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސްއެއް ހޯދުމުގެ މުހިއްމުކަން ފާހަގަކޮށް، ރާއްޖެއިން ބޭރުގައި އުޅޭއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފައެވެ.
މީގެ ކުރީން އޮތް ގޮތުން، ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑްގައި ތިބެވެނީ 30 ދުވަސް ވަންދެނެވެ.