ޒަވާޖީ ޙަޔާތެއްގައި އުޅެމުން ބައިވެރިޔާއަށް ބޭވަފާތެރިވާނަމަ ބައިވެރިޔާއަށް ކުރާނެ އަސަރު ހިތަށް ގެނެވޭ މީހުން ވަރަށް މަދުވެއްޖެއެވެ. ބޭވަފާތެރިވުން މިހައި ޢާންމު ކަމަކަށްވެފައި މިވަނީ އެހެންވެގެންނެވެ.
ވިސްނައިލާށެވެ! ބޭވަފާތެރިކަމަށް ކެތްކުރުމަކީ އެއްވެސް މީހަކަށް މާގިނަ ދުވަހަކު ކެތްތެރިވެވޭނެ ކަމެއް ނޫނެވެ. އެއް ބައަކު ރީތި ގޮތުގައި ވަކިވާނެއެވެ. އެއީ ކިތަންމެ ގޯސް ގޮތެއް ނަމަވެސް އަނެއް ބައަކަށް ގޯސްމަގުން ހިނގެން ފަށާނެއެވެ.
ޙައްލަކީ ކައިވެނިކުރުމަށްފަހު ތެދުވެރިވުމެވެ. އެކަކު އަނެކަކަށް ވަފާތެރިވުމެވެ. އެކަން ކުރަން އެންމެ ފަސޭހަ ގޮތަކަށްވާނީ ތިމާގެ ބައިވެރިޔާ އެފަދަ ކަމެއް ކޮށްފިނަމަ ތިމާއަށް ކުރާނެ އަސަރު ހިތްމައްޗަށް ގެނައުމެވެ. އަބަދުވެސް ހިތުގައި އެކަން ބާއްވައި އެފަދަ ކަމެއް ކުރެވެން އުޅެވޭނަމަ އެކަން ހިތްމައްޗަށް ގެނައުމެވެ.
ތިރީގައިވާ ވާހަކައަކީ މިގޮތުން ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ.
ހަވީރު 5 ޖެހި ވަގުތެވެ. އަނބިމީހާ ބާޒާރަށް ގޮސްފައި ގެއަށް އައުން ލަސްވެގެން ފިރިމީހާ ގޭގެ ދޮރު ހުޅުވާލައި ބޭރު ބަލައިލިވަގުތެވެ. ފެނުނީ ކާރު ކައިރީގައި ހުރެގެން ހިލޭ ފިރިހެނެއްގެ ގައިގައި އަނބިމީހާ ބައްދަ ބައްދާފައި ދޮންދޭތަނެވެ. ދެ ލޯބިވެރިއަކު އިރުކޮޅަކަށް ނަމަވެސް ވަކިވާތީ ކަންތައްކުރާނެ ގޮތަށް ކަންތައްތައް ކުރަމުންދާތަނެވެ.
ފިރިމީހާ ބަލާކަށް ނުހުރެއެވެ. ރުޅި އައިސް ރަތްވެ އެފިރިހެން މީހާއަށް ހަމަލާދިނެވެ. އަނބިމީހާއަށްވެސް ޙަމަލާދޭން އުޅުނެވެ. އެވަގުތު އަނބިމީހާ ގެއަށް ވަނުމުން ފަހަތުން ވަދެ އެއްޗެތި ގޮވަން ފެށިއެވެ. ހިލޭ ފިރިހެނަކާއެކު އެކަންކުރީތީ އެކަން ކުށްވެރިކުރަމުން ގޮސް އަނބިމީހާއަކީ ހަށިވިއްކާ އަންހެނެއްކަމަށްވެސް ސިފަކުރިއެވެ.
އަނބިމީހާ ވަރަށް ދެރަވެފައި މާފަށް އެދުމުންވެސް ޤަބޫލުނުކޮށް އެއްޗެތި ގޮވަމުން ގޮސް ދެވަނަ ފަހަރަށް އަނބިމީހާ ހަށިވިއްކާ އަންހެނެއްކަމަށް ސިފަކުރުމުން އަނބިމީހާ ސުވާލުކުރިއެވެ. އަހަރެންނަށް ކުރެވުނު ކަންތަކަށްވުރެ މާބޮޑަށް ނުބައި ކަންކަން އެތައް އަންހެނަކާއެކު ކަލޭކުރީމާ ކަލޭވާނީ ހަށިގަނޑުގެ އަގު އަގުއަރުވާ މީހަކަށް ހެއްޔެވެ؟
”ކިޔަން ތިއަ އުޅެނީ ކީކޭތޯ؟“ ފިރިމީހާ ސުވާލުކުރުމުން އަނބިމީހާ އޭނާގެ ފޯނުން ދައްކައިލީ ފިރިމީހާ ތަފާތު އެތައް އަންހެނުންނާއިއެކު ގުޅުންހިންގައިފާ މަންޒަރުތަކާއި ވީޑިއޯތަކެވެ. ފިރިމީހާގެ އަނގަ ބަންދުވިއެވެ. މާނޭވާ ލަމުން ސޯފާގައި އިށީނެވެ.
އަނބިމީހާ ބުންޏެވެ. ”ކުރެވުނީ ކުށެއް ކަމަށް ޤަބޫލުކުރެވުނެވެ. އަންތބަކަށް އެދި ބޭވަފާތެރިވެގެން ނުވާނެކަންވެސް ވިސްނުނެވެ. އެހެނަސް އަހަރެންނަކީވެސް ހިތެއް އޮތް އިންސާނެކެވެ. ކަލޭގެ އަނިޔާވެރިކަމަށް އަހަރެން ވަރަށް ގިނަ ދުވަހު ކެތްކޮށްފީމެވެ. މިއަދު ކަލޭގެ ގާތަށް ތިއަ އައިވަރަށް ރުޅި އަހަރެންގެ ގާތަށް ކިތައް ދުވަހު އައިސްފައިވާނެކަން ވިސްނައިލާށެވެ. އެންމެ ކަމެއް ފެނުމުން ކަލޭ ކަންތައްކުރި ގޮތް މިފެނުނީއެވެ. ކިތައް ދުވަހު އަހަރެން ރޮއެ ކަރުނައެޅިކަން ކަލެއަށް އެނގޭހެއްޔެވެ؟ އެކުގައި ނިދަން ތިބެފައި އަހަރެންނަށް ރޮވެން ފެށުމުން އެންމެ ރެއަކުވެސް ކަރުނަ ފުހެލައިދިނިން ހެއްޔެވެ؟ ބޮލަށް އުނދަގޫ ނުކުރަން ބުނެފަ ފުރަގަހަށް އެނބުރިއޮވެ ނިދަނީ ނޫން ހެއްޔެވެ؟
ކަންތައްތައް މިދިމާވިގޮތުން ކަލޭ ކިތަންމެ ތަނަވަސްވެފައި އަހަރެން ފަޤީރު ނަމަވެސް ދެން ކަލެއާއިއެކު އިތުރަށް ދިރިއުޅޭކަށް ބޭނުމެއް ނޫނެވެ. އަހަރެން މިދަނީއެވެ.“ އެހެން ބުނެފައި އަނބިމީހާ ނުކުމެގެން ދިއައީއެވެ.
ފިރިމީހާއަށް ވިސްނުނެވެ. ”ކުށްވެރިއަކީ އަހަރެންނެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވާ އަންތބަކު ގެއްލިގެން މިދިއައީ އަހަރެންގެ ސަބަބުންނެވެ. އަހަރެން އަނބުރާ އަދިވެސް އޭނާ މިގެއަށް ގެންނާނަމެވެ.“
މަހެއްހައި ދުވަސްފަހުން އަނެއްކާވެސް ދެމީހުން ގުޅި ލޯބިން އެކުގައި ދިރިއުޅެން ފެށިއެވެ. ހިނގައި ދިއަ ކަންކަމަށް އެއްވެސް ޝަކުވާކުރުމެއް ނެތިއެވެ. އެންމެ މުހިންމީ ލިބިފައިވާ 2 ދަރިންނަށް ލޯބިދީ ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުން ކަމަށް ދެމީހުންވެސް ޤަބޫލުކޮށްގެންނެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ އަޅުގަނޑު ކިޔާފައިވާ ގޮތަށް ޙިއްޞާމިކުރީ އެއްވެސް ޙާލެއްގައި އެކަކު ގޯސްކޮށް އުޅުމަކީ އަނެކަކުވެސް ގޯސްކޮށް އުޅެންޖެހެންވީ ސަބަބެއް ކަމަށް ބުނާކަށް ނޫނެވެ. އަދި އެފަދަ ކަމަކަށް ހިތްވަރުދޭކަށްވެސް ނޫނެވެ.
ބުނެލަން ބޭނުންވަނީ ކޮންމެ މީހަކު ނަމަވެސް ކައިވެންޏަށްފަހު މިފަދަ ގޮތްގޮތަށް އުޅޭނަމަ އަނެކާއަށް އަސަރުކުރާނެކަން ޤަބޫލުކުރާށެވެ. ރޮއި ކަރުނަ އަޅަމުން ގޮސް ގޯސްމަގުން ހިނގަން ފެށޭތަންވެސް އަތުވެދާނެ ކަމަށް ޤަބޫލުކުރާށެވެ. އަނެކާގެ ވެސް އޮންނާނީ ހަމަ ތިމާގެވެސް އޮތްފަދަ ހިތެއް ކަމަށާއި އެހިތަށްވެސް އަސަރުކުރާނެކަން ޤަބޫލުކުރާށެވެ!
މިކަންކަމަކީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް އޮތް މައްސަލައެކެވެ. ވީމާ އަޅުގަނޑު އެދެނީ މިވާހަކަ ވިދާޅުވާ ބޭފުޅުން އެބޭފުޅުންގެ ވިސްނެވުންވެސް ކޮމެންޓްކޮށްލައްވައި ދެއްވުމެވެ.
– ޢާޠިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް