ޓޫރިޒަމު އާމްދަނީން، ކައުންސިލްތަކަށް ދޭން ރައީސް ނިންމައިފި
ދެންމެ | 19 ޖުލައި 2024

ޓޫރިޒަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް، ކައުްނސިލްތަކުގެ ބަޖެޓަށް ވަރަށް އަވަހަށް ޖަމާކުރަން ފަށާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނާރެސް ޕޯޓަލް އާއި ކުރަނގި އެޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ކައުންސިލްތަކުގެ ކިބައިން އެދޭ ކަންތައްތައް ކުރުމުގައި ބާރުވެރިކުރުވުމަކީ މި ސަރުކާރުން އިސްކަންދޭ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށެވެ. ރައްޔިތުން ސީދާ ހޮވާފައިތިބޭ ބަޔަކު ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ޒިންމާ ޤާނޫނުން މަތިކޮށްފައި ތިބޭ ބަޔަކު އެ ހިދުމަތް ދިނުމުގައި މަސައްކަތް ކުރުވުމުގައި ބާރުވެރިކަން ސަރުކާރުން ނުދޭނަމަ އެ ހިދުމަތެއް އެންމެ ރަނގަޅަކަށް ނުދެވޭނޭ ކަމަށެވެ.

މި ކަންކަން ކުރުމަށް ނިންމީ އެގޮތުގެ މަތިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ އިޖުތިމާއީގޮތުން ކުރާ ކަންކަމުގައިވީނަމަވެސް، އަދި އިގްތިސާދީ ގޮތުންވެސް ކަންކަމުގައި ބާރުވެރިކަން ދިނުމަށް ވީނަމަވެސް އެކަން އޮތީ އެގޮތަށްކަމަށެވެ.

”އަޅުގަނޑު އިއުލާނުކޮށްފައިވާގޮތަށް އިރާދަކުރެއްވިއްޔާ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލާ މިކަންކަމާ އެކުގައި ރާއްޖެއަށް މިލިބޭ ޓޫރިޒަމް އާމްދަނީގެ ތެރެއިން ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރާގޮތަށް އެ ނިންމި ނިންމުން އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ ތަންފީޒުކުރަން ފަށާނަން“ ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ އިތުރުން ޤަވައިދުގެ ތެރެއިން އެކިއެކި ފަޅުރަށްތައް ހޯދައިގެން މެދުރާސްތާގެ ޕްލޭނެއްގެ ތެރެއިން ވަކި ކަނޑައެޅޭ މަސައްކަތްތަކެއްކޮށް އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ކައުންސިލްތަކަށް މިހާރު ހުޅުވާލެވިފައި ވާކަމަށެވެ. މިގޮތުން އަދިވެސް ބައެއް ރަށްރަށުގެ އިހުތިސާސްގެ ދަށަށް ފަޅުރަށްތައް ހިމެނުމުގެ ފުރުސަތު އަދިވެސް ދެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!