ދުނިޔެ ކޮސްވެ، އަންތަރީސްވާ ފެންވަރަށް ރާއްޖޭގެ ކުޅިވަރު ކުރިއަށް ގެންދާނަން: ރައީސް
ދެންމެ | 21 ޖުލައި 2024

ރާއްޖޭގެ ތާރީހުގައި ނުދެކޭ ފެންވަރަށް އެކި ކުޅިވަރުތައް ކުރިއެރުވުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

”ޕެރިސް އޮލިމްޕިކްސް 2024“ ދިވެހިރާއްޖޭގެ ދިދަ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި އެކި ދާއިރާތަކުން ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރައްވާކަމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަށް ރީތި ނަން ހޯދައިދެވޭނެ ފެންވަރަށް ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވާ ކުޅިވަރުތަކުގެ އިތުރުން، އެހެން ކުޅިވަރުތަކުގައި ވެސް ރާއްޖޭގެ އެތުލީޓުންނަށް ބައިވެރިވެވޭނެ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަކީ އަމާޒެއްކަމަށެވެ.

”ސަރަހައްދީ ފެންވަރުގައާ ބައިނަލްއަޤްވަމީ މައިދާނުގައި އޮލިމްޕިކްސްއާ އެހެނިހެން މުބާރަތްތަކުގަ ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުންނަށް ބައިވެރިވުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާ ފުރުޞަތު އިތުރުކުރުމަށްޓަކައި ރާއްޖެއިން ބޭރުންވެސް ކުޅިވަރު ކުރިއެރުވުމަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެވޭނެގޮތަށް ތަރުތީބުކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތު.“

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

 

މީގެ އިތުރުންވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ކުޅިވަރުގެ ޢުމްރާނީ ވަސީލަތް އިތުރުކުރުމަށް އަންނަ އަހަރުން ފެށިގެން ކުޅިވަރުގެ ވުޒާރާގެ ބަޖެޓުގައި ވަރަށް އިސްކަން ދެއްވާނެކަމަށާއި، ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ކުރިއެރުމަށް ގެނައުމަށް މަސައްކަތްކުރައްވާނީ ކުޅިވަރުގެ ޢާއިލާގެ އެއްބާރުލުމާއެކުކަމަށެވެ.

ޕެރިސް އޮލިމްޕިކްސްގައި ރާއްޖޭގެ ފަރާތުން 5 އެތުލީޓުން ބައިވެރިވާއިރު، މި އެތުލީޓުންނަށް ހިތްވަރުދެއްވަމުން ރައީސް ޑރ.މުޢިއްޒު ވަނީ ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އެންމެ ފުރިހަމައަށް އެ އެތުލީޓުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެ، ރާއްޖެއަށް ގެނެސްދެވެން އޮތް އެންމެ ރީތި ނަމެއް ހޯދައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!