ބަންގްލަދޭޝްގައި ސިވިލް ސާވިސް ވަޒީފާ އަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ކުރި މުޒާހަރާތައް ހޫނުވެ، އެ ގައުމުގެ އާންމު ހާލަތު ގޯސްވެފައިވީ ނަމަވެސް ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި ދެ ދަރިވަރަކު ރާއްޖެ ގެނައުމަށް މަސައްކަތްކުރާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސިވިލް ސާވިސް ވަޒީފާ އަށް މީހުން ނަގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން، ކުރިއަށް ގެންދާ މުޒާހަރާތައް ހޫނުވެ، އިމާރާތްތަކުގައި ހުޅުޖަހާފައިވާއިރު، މިހާތަނަށް ސާޅީހަކަށް މީހުން ވަނީ މަރުވެފަ އެވެ. އެހެންވެ، އިންޓެނެޓް ކަނޑާލައި ހަރުކަށި ފިޔަވަޅުތަކެއް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ އަޅައިފަ އެވެ. އެ ގައުމުގެ ހުރިހާ ސްކޫލުތަކާއި އިސްލާމީ ތައުލީމުދޭ މަރުކަޒުތަކާއި ވޮކޭޝަނަލް އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ވެސް ސަރުކާރުން ވަކި ގޮތެއް އަންގަންދެން ވަނީ ބަންދުކޮށްފަ އެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ، ރާއްޖެ އަށް އަނބުރާ ގެންނަނީ ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލުތަކުގައި ކިޔަވަމުން އަންނަ ދެ ދަރިވަރަކު ކަމަށެވެ. އެ މީހުން ކިޔަވާ ސްކޫލުތައް ބަންދުކޮށްފައިވާތީ، އަނބުރާ ރާއްޖެ އަށް އަންނަން ބޭނުން ވެގެން ފޮރިން މިނިސްޓްރީގައި އެދިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، އެ ދަރިވަރުން ބަހުގައި ބަންގްލަދޭޝް ބޯޑަރު ހުރަސްކުރުމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި އިންޑިއާގެ ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ބަންގްލަދޭޝްގައި ތިބި އެހެން ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ރަޖިސްޓަރީވެފައިވާ 90 ދަރިވަރުންނާއި އާއިލާތަކާއި އެކި ކަންކަމުގައި ތިބި ދިވެހިންނަށް ގުޅައި، ހާލު ބަލައި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
”މިވަގުތު ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް ހައި ކޮމިޝަނުން ވަނީ މައުލޫމާތު ދެއްވާފައި،“ ބަޔާނުގައި ވެ އެވެ.
ފޮރިން މިނިސްޓްރީން ވަނީ އެ ހަމަނުޖެހުންތަކާ ގުޅިގެން އެެއްވެސް އެހީތެރިކަމެއް ބޭނުން ނަމަ ހައި ކޮމިޝަނަށް ގުޅައިގެން ކުރިއަށް ދިއުމަށް ވެސް އެދިފަ އެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްގައި މިހާރު ވަނީ ކާފިއު އިއުލާނުކޮށްފަ އެވެ. އެހެންވެ، ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެ ގައުމުގެ ސަރުކާރުންދޭ އިރުޝާދުތަކާ އެއްގޮތަށް ބޭރަށް ނުކުމެ ނޫޅުމަށް ދިވެހިންނަށް އިލްތިމާސް ކޮށްފަ އެވެ.