މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނައިބު ރައީސަކަށް ހިސާން ހުސައިން އައްޔަނު ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރުހުން ދީފިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ލީގަލް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ހިސާން ނައިބު ރައީސްގެ މަގާމަށް އައްޔަނު ކުރެއްވުމަށް ނަން ހުށަހެޅުއްވީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ.
ހިސާން އެ މަގާމަށް އައްޔަނު ކުރުމަށް ރުހުން ދިނުމާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ ރުހުން ދެއްވި ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ވިދާޅުވީ ހިސާން އަކީ ޕާޓީއަށް އެތައް އަހަރެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމުގެ އިތުރުން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ކަމަށް ގާބިލު މެންބަރެއް ކަމަށެވެ. އަދި ހިސާންއާއެކު މަސައްކަތް ކޮށް، ޕާޓީއަށް އިތުރު ކާމިޔާބީ ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާސް އިސްމާއީލް ވެސް ވަނީ ހިސާން އެ މަގާމަށް އައްޔަނުވުމާއެކު އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާ އޭނާއަށް މަރުހަބާ ދަންނަވާފައެެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ އައު ނާއިބު ރައީސް ހިސާނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ހިސާންއަކީ ފުރަތަމަ ދުވަހުން ފެށިގެން އެކި މަގާމުތަކުގައި އެމްޑީޕީއަށް ބޮޑެތި ހިދުމަތްތައް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ހިސާންގެ ނާއިބު ރައީސްކަމުގައި އެ ޕާޓީއަށް އިތުރު ކުރިއެރުން އަންނާނޭކަން ކަށަވަރުވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފާއިތުވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑިޕީގެ ފަރާތުން ތުޅާދޫ ދާއިރާ ތަމްސީލުކޮށްދެއްވި ހިސާން އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ކަމުން އިއްޔެ އިސްތިއުފާ ދެއްވިއިރު އޭނާ ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމީޓީ އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަން ވެސް ކުރައްވާފައެވެ.