ފޯއް ވިއްކައިގެން ލިބުނު ފައިދާއެކު ސިފްލީނާ ރާއްޖެ ދޫކޮށް ގޮސްފި
ދެންމެ | 25 ޖުލައި 2024

ކުރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން އޭނާގެ ނަމުގައި ހުޅުމާލެ އިން 3.5 މިލިއަން ރުފިޔާއަށް އެޕާޓްމަންޓެއް ގަތް މައްސަލަ ތަހްގީގު ކުރަމުން ގެންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނި ނަމަވެސް އެކޮމިޝަނުން ޒިފްލީނާގެ ޕާސްޕޯޓް ހިފަހައްޓަން ވެސް އަދި އެހެން ފިޔަވަޅެއް އަޅަން ވެސް އެއްވެސް މަސައްކަތެއް ނުކޮށް ތިއްބާ ޒިފްލީނާ ރާއްޖެ ދޫކޮށް ފިލައިފިއެވެ.

ޒިފްލީނާއަކީ ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ހަގު އަނބިކަނބަލުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒިފްލީނާ އޭނާގެ ދަރިންނާއިއެކު ރާއްޖެ ދޫކޮށް ފިލީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ ރާއްޖެ ދޫކޮށް ފުރައިގެން ދިޔައީ ސްރީލަންކާއަށެވެ. ޒިފްލީނާ ސްރީލަންކާގެ ކޮލަމްބޯގައި ޓްރާންސިޓް ކުރުމަށްފަހު އަންގާރަ ދުވަހު ވަނީ ކޮލަމްބޯ އިން ވެސް ފުރާފައެވެ. މިހާރު ޒިފްލީނާ ހުރީ ކޮން ގައުމެއްގައި ކަމެއް އަދި ކަށަވަރެއް ނުކުރެވެއެވެ.

ޒިފްލީނާ ފުރައިގެން ދިޔައިރު އޭނާގެ ދަރިފުޅު އައިޝަތު މިސްކުގެ ނަމުގައި ވެސް ވަނީ ހުޅުމާލެ އިން 3.8 މިލިއަން ރުފިޔާއަށް އެޕާޓްމަންޓެއް ގަނެފައެވެ. ޒިފްލީނާ އާއި އޭނާގެ ދަރިފުޅު ގަތް ދެ އެޕާޓްމަންޓްގެ ޖުމްލަ އަގު 7.3 މިލިއަން ރުފިޔާއަށް އަރައެވެ.

ޒިފްލީނާ އޭނާގެ އެޕާޓްމަންޓަށް ފައިސާ ދެއްކީ ވެސް އަދި ދަރިފުޅުގެ އެޕާޓްމަންޓަށް ފައިސާ ދެއްކީ ވެސް ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރެއެވެ. ނަމަވެސް ސްޓޭޓް މިނިސްޓަރެއްގެ ފަސް އަހަރު ދުވަހު ޖުމްލަ މުސާރައިގެ ގޮތުގައި ލިބޭ އަދަދު ތިން މިލިއަން ރުފިޔާއަށް ނާރައެވެ. ޒިފްލީނާ ސްޓޭޓް މިނިސްޓަރެއްގެ ވަޒީފާ އަދާކުރުމުގެ ކުރިން އަދާކުރި ރަސްމީ ވަޒީފާއަކީ ޓީޗަރެއްގެ ވަޒީފާއެވެ.

ޒިފްލީނާ ނުހައްގު މުއްސަނދިކަމެއް ހޯދައި، މަނީ ލޯންޑަރ ކުރުމަށްޓަކައި ރިއަލް އެސްޓޭޓްގައި އިންވެސްޓް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ ބަހެއް ހޯދަން ފޯނުކުރުމުން ފޯނަށް ޖަވާބެއް ދީފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!