ހަމައެއް ލަމައެއް ނެތި، ހުޅުމާލޭން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ނުކުރުމަށް އަންގައިފި
ދެންމެ | 25 ޖުލައި 2024

ހުޅުމާލޭން ދޫކޮށްފައިވާ ބިންތަކުގައި ހުއްދަ ނުނަގާ އިމާރާތް ކުރުމުގެ މަސައްކަތްތައް ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.

އެޗްޑީސީން މިއަދު ބުނީ މިހާރަކަށް އައިސް ހުޅުމާލޭން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރާއިރު، އެ ކޯޕަރޭޝަނުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއްނެތި ގޯތިތެރޭގެ މަސައްކަތް ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ކުރާކަން އެ ކޯޕަރޭޝަނުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

”އެކަން އެގޮތަށް ނުކުރުމަށް މީގެ ކުރިން ވެސް އިލްތިމާސްކުރި ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް މި ކޯޕަރޭޝަނުން ނަގަން ޖެހޭ ހުއްދަ ނުނަގާ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކޮށް ގަވާއިދާ ހިލާފަށް ބޭނުން ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި،“ އެޗްޑީސީން ބުނެފައިވެ އެވެ.

މި ކަމަކީ ހުޅުމާލޭގައި އިމާރާތް ކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު އަދި ކުރުން މަނާ ކަމެއް ކަމަށް އެޗްޑީސީން ފާހަގަކުރެ އެވެ.

ހުއްދަ ނުނަގާ ގަވާއިދާ ހިލާފަށް ބިންތައް ބޭނުން ކުރަމުންދާ ފަރާތްތަކާ މެދު، ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން އޮންނަ އުސޫލުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ވަނީ ހުޅުމާލޭން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތް ހަދަން ފެށުމުގެ ކުރިން ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއް ނެގުމަށް އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!