ދައުލަތުން ސިޔާސީ ޕާޓީތަކަށް ބަހާ 50 މިލިޔަން ހުއްޓާލަން ޖެހޭ: އާތިފް
ދެންމެ | 27 ޖުލައި 2024

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ޓަކައި ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން ޖެހިފައިވާ ކަމަށް އިގުތިސާދު ދިރާސާ ކުރައްވާ އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.

އާތިފް މިހެން ވިދާޅުވީ އެސްއެސްޓީވީގެ ޓޯކިން އިކޮނޮމީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އާތިފް ވިދާޅުވީ، ފާއިތުވި 15 އަހަރު ތެރޭ ސިޔާސީ ޕާޓީތަކަށް 382.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާ ކަމަށާއި، އެ ފައިސާ ދޫކުރަން ފެށިއިރު ސިޔާސީ ޕާޓީތައް ރާއްޖޭގެ މާހައުލަށް އާ ނަމަވެސް، މިހާރު ސިޔާސީ ޕާޓީތައް ހެޔޮ އެދޭ ފަރާތްތަކުންނާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން ދޭ ޗަންދާއިން ހިންގޭނެ ކަމަށެވެ.

އާތިފް ވިދާޅުވީ، އެފަދަ ބަދަލެއް ގެނައުމުން ބަޖެޓުން މިލިއަނުން ފައިސާ ސަލާމަތްކުރެވޭނެ ކަމަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 35ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ ”ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަކަށް“ ކަމަށެވެ. އެ ގޮތުން ސިޔާސީ ޕާޓީތަކަށް ދޫކުރެވޭ ފައިސާ، ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށް އެ ގާނޫނުގައި އޮންނަނީ ކަނޑައަޅާފައެވެ.

އެ ގާނޫނުގެ ދަށުން މިއަހަރު ހަ ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބެޖެޓުން 44 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!