ބަލިވެގެން އޮފީހަށް ނާދެވޭ ނަމަ ހަތް ދުވަސް ކުރިން ބުނަން އަންގައިފި
ދެންމެ | 27 ޖުލައި 2024

ބަލިވެގެން އޮފީހަށް ނާދެވޭނަމަ އެކަން ހަތް ދުވަސްކުރިން އަންގަން އިންޑިއާގެ އޮފީހެއްގެ މެނޭޖަރަކު އަންގައިފި އެވެ.

މެނޭޖަރު މި ގޮތަށް އެންގީ އޮފީހެއްގެ މުވައްޒަފަކު ބަލިވެގެން އެ ދުވަހު އޮފީހަށް ނުދެވޭތީ އެކަން މެސެޖަކުން ބުނުމުންނެވެ.

މި މެސެޖުތަކުގެ ސްކްރީންޝޮޓް ވަނީ ފޯރަމް ސޯޝަލް ނެޓްވޯކް – ރެޑްއިޓްގައި އާންމުކޮށްފަ އެވެ. މިކަން ވަނީ އިންޑިއާގެ ބައެއް ނޫސްތަކުގެ ސަމާލުކަމަށް އައިސްފަ އެވެ.

ބަލިވެ އުޅޭތީ އެ ދުވަހު އޮފީހަށް ނުދެވޭނެކަން އެ މުވައްޒަފު ބުނުމުން އޮފީހުގެ މެނޭޖަރު ވަނީ އެ ދުވަހު އެ މުވައްޒަފު ސިކްލީވް ނަގަނީތޯ ޔަގީންކުރަން އިތުރަށް ސުވާލުކޮށްފަ އެވެ. ޖަވާބުގައި އެ މުވައްޒަފު ވަނީ އެ ދުވަހު ސިކްލީވް ނަގަނީ ކަމަށް ބުނެފަ އެވެ.

ޖަވާބުގައި މެނޭޖަރު ބުނީ ބަލިވެގެން ނުވަތަ އާންމު ލީވް ނަގާނަމަ އެކަން ހަތް ދުވަސް ކުރިން އަންގަންޖެހޭނެ ކަމަށެވެ.

މި މެސެޖާއެކު ގިނަ ބަޔަކު ވަނީ ހަތް ދުވަސްފަހުން ބަލިވާނެކަން އެނގޭނީ ކިހިނެތްތޯ ސުވާލުކޮށްފަ އެވެ.

އެހެން މީހަކު ހުށަހެޅި ހިޔާލަކީ ހަތް ދުވަސް ފަހުން ބަލިވެދާނެ ކަމަށާއި އެހެން ކަމުން ހަތް ދުވަސްފަހުން ސިކްލީވް ނަގަން ޖެހިދާނެ ކަމަށް ބުނެ ކޮންމެ ދުވަހަކުވެސް މެނޭޖަރަށް މެއިލް ކުރުމަށެވެ.

”އޭރުން ހަތް ދުވަސް ކުރިން ދޭންޖެހޭ ނޯޓިސް ދެވުނީ،“ ހިޔާލުފާޅުކުރި މީހާ ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!