ދިވެހިންގެ ލެޔާ ގުޅިފައިވާ ދިވެހި ފުޓްބޯޅަ ނަނގައި ކޮޅަށް ޖެހުމުގެ ބިޔަ ބޮޑު ޒިންމާ ރައީސް ނަންގަވައިފި
ދެންމެ | 30 ޖުލައި 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް، ފުޓްބޯޅައިގައި ޝާމިލުވާ ބައެއް ބޭފުޅުންނާ އެކު ރައީސް އޮފީހުން މަޝްވަރާތަކެއް ފަށައިފި އެވެ.

ރައީސްގެ އިސްނެންގެވުމަކަށް ފުޓްބޯޅައިގެ ފަރާތްތަކާއެކު ރައީސް އޮފީހުގައި މަޝްވަރާތަކެއް މި ފެށުނީ، އެފްއޭއެމްގެ ރައީސް ސަސްޕެންޑްކޮށް، އެ އިދާރާ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރަން ފީފާއިން ނިންމާފައިވަނިކޮށެވެ.

 

ރިޕޯޓްތައް ބުނާ ގޮތުން، މިދިޔަ ހަފްތާއިން ފެށިގެން އެކި ދުވަސްމަތިން ފުޓްބޯޅަ އާއިލާގެ އެކިއެކި ބޭފުޅުން ރައީސް އޮފީހަށް ވަޑައިގެން މަޝްވަރާތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. އެ ބައްދަލުވުންތަކުގެ މައުލޫމާތެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުންތަކަކީ، ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތުން ނެގުމަށް މަސައްކަތް ކުރާނެ ގޮތްތަކުގެ ހިޔާލު ހޯއްދެވުމަށް ސީދާ ރައީސްގެ އިސްނެންގެވުމަކަށް ކުރިއަށް ގެންދާ ބައްދަލުވުންތަކެކެވެ.

 

މި ބައްދަލުވުންތަކުގައި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ކަލީމް، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އަދި ކާމިޔާބު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ)، ކުރީގެ އެއް ވަނަ ފޯވާޑް އަދި އެފްއޭއެމް ޖެނަރަލް ސެކްރެޓަރީކަން ކުރެއްވި ޝާހު އިސްމާއީލް، އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެރެޓަރީ އަބްދުލް ހަމީދު އަބްދުލް ޣަފޫރު (އައްޑޯ) އަދި ފުޓްބޯޅައިގެ ހިދުމަތްތެރިޔާ އަދި ކްލަބް ވެލެންސިއާގެ ކުރީގެ ބޯޑް މެންބަރު އަހުމަދު މުހައްމަދު (ދޮނާ)، ގައުމީ ޓީމުގެ އެންމެ ފުރަތަމަ ކެޕްޓަން އަދި ކުޅިވަރުގެ ހިދުމަތްތެރިޔާ އިބްރާހިމް އިސްމާއީލާއި އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ހާމިދު އަބްދުލް ޣަފޫރު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

 

ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި އެމަނިކުފާނުވަނީ ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް ހާލަތާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!