މިދިޔަ ބުދަ ދުވަހު މާލޭގެ ގެއަކަށް މީހަކު ވެއްދުމަށްފަހު އެ މީހާ ބަރަހަނާކޮށް, ބިރު ދައްކައިގެން އެކައުންޓުން ފޭރުނު މައްސަލައިގައި އެކަން ރާވައި ހިންގާފައިވަނީ މަންމައަކާއި ދަރިއެއްކަން ހާމަވެއްޖެ އެވެ.
އެ މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ 26 އަހަރާއި 35 އަހަރުގެ ދިވެހި ފިރިހެނުންނާއި 43 އަހަރުގެ އަންހެނެކެވެ.
އޭގެ ތެރެއިން 26 އަހަރުގެ މީހާގެ ބަންދަށް 60 ދުވަސް, 35 އަހަރުގެ މީހާގެ ބަންދަށް 35 ދުވަސް އަދި އަންހެން މީހާ ތަހުގީގު ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މައްސަލައިގައި ހައްޔަރުކުރި ދެ ފިިރިހެނުން ބަންދުކުރަން ކޯޓުން ނެރުނު އަމުރުގައި ހާދިސާގައި ކަން ހިންގާފައިވާ ގޮތް ފުލުހުން ވަނީ ކޯޓުގައި ކިޔައިދީފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިންގީ މއ. މަސްފަންގޭގަ އެވެ. އެ ގެއަކީ އެފަދަ މައްސަލަތަކުގެ ރެކޯޑު އޮންނަ ގެއެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ ގެއަށް އަނިޔާ ލިބުނު މީހާ ވެއްދީ ފުލުހުން ބުނާ ގޮތުން އަންހެނެކެވެ. މި މައްސަލައިގައި ހައްޔަރުކުރި 43 އަހަރުގެ މީހާއަކީ އޭނާ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި އަނިޔާ ލިބުނު މީހާ އެ ގެއަށް ވެއްދީ ބޮއްކެއް ބަދަލު ކޮށްދިނުމަށް އެދި އެވެ. އަދި އޭނާ އެ ގެއަށް ވަނުމުން ދެ ފިރިހެނުން އޭނާ ހިފަހައްޓައި، ވަޅިއަކުން ބިރުދައްކައި ބަރަހަނާކޮށް، އޭނާގެ ފޯނު އަތުލި ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
އަދި އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20،000ރ. ފޮނުވާފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25،000ރ. ނަގާފައިވާ ކަމަށް ވެސް ބަންދު އަމުރުގައިވެ އެވެ.
އަމުރުގައި އިތުރަށް ބުނެފައިވާ ގޮތުން، އެ މައްސަލައިގައި ހިމެނޭ ކުށްކުރުމުގައި ޝާމިލުވަނީ މަންމައަކާއި ދަރިއެއް ކަމަށް ގިނަ ހައްޔަރު/ ބަންދު ލޮގުތަކުން ސާފުވާ ކަމަށެވެ.