މުނައްވަރަށް ގަވަރުނަރުކަން ދޭން މަޖިލީހުން ރުހި، ގަބޫލު ވެއްޖެ
ދެންމެ | 30 ޖުލައި 2024

ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަަވަރުނަރު ކަމަށް ޑރ. އަހްމަދު މުނައްވަރު އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުން ރުހުންދީފި އެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމަށް މުނައްވަރު އައްޔަން ކުރަން ރުހުން ދޭން ފާސްކުރީ މިއަދުގެ ޖަލްސާގައި އެކަމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ އިއްތިފާގުންނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަގާމަށް އަހްމަދު މުނައްވަރު ހަމަޖެއްސެވުމާމެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 22 ގައެވެ.

ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރަން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކުރުމުގެ ކުރިން ބޭއްވި އިންޓަވިއުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނާއި ގައުމަށް ފައިދާވާ ކަމެއް ކުރާނަމަ އެކަމަށް ހުރަހެއް ނާޅުއްވާނެކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް ގެއްލުންވާ ފަދަ ކަމެއް ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ކުރާނަމަ އެކަމާއި ދެކޮޅަށް އަޑު އުފުއްލަވާ އިސްތިއުފާ ދެއްވަން ޖެހިއްޖެނަމަ އެކަންކުރުމުގެ ހިތްވަރު ހުންނާނެކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ. އަދި އެއީ މިނިވަން މުވައްސަސާގެ ގާނޫނީ ވާޖިބެއްކަމަށްވެސް މުނައްވަރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ހަމަ ބޭނުންވާއިރަށް ފައިސާ ޗާޕުކުރުމަކީ ގަބޫލުކުރާ އުސޫލެއް ނޫންކަމަށް ވިދާޅުވެ ގާނޫނީ ތަރަހައިގެ ތެރެއިން މެނުވީ ފައިސާ ޗާފުނުކުރާނެކަމަށްވެސް މުނައްވަރު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ ގޮތުގައި ކުރިން ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރީ މިމަހުގެ 22 ވަނަދުވަހު އެވެ. އޭނާ މަގާމުން ވަކިކުރީ މަގާމު މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރާކަމުގެ ތުހުމަތުގައެވެ. އެހެންނަމަވެސް ހާޝިމް ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. ހާޝިމް ވިދާޅުވީ ގަވަރުނަރުގެ ގޮތުގައި ހުންނަވާ އިގްތިސާދީ ކަންކަމުގައި ސަރުކާރަށް ދޭންޖެހޭ ލަފާތައް ދެއްވަމުން ގެންދެވިކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!