މާލޭގައި އުޅޭ ބުޅާތަކަށް ފްލީ ޓްރީޓްމަންޓް ދީ، ރަޖިސްޓްރީ ކުރަން ފަށައިފިއެވެ.
ހަމައެކަނި ބުޅަލަށް ޖެހޭ ބައްޔެއް މިދުވަސްކޮޅު ބުޅާތަކުގެ މެދުގައި ފެތުރެމުންދާއިރު، އެ ޕްރޮގްރާމް ހިންގާ، ފީލައިން ވެލްފެއާ އޮގަނައިޒޭޝަން އިން ބުނީ ބަލިން ސަލާމަތް ކުރުމަށް ބުޅާތަކަށް ބޭސްދީ އަދި ބުޅާތައް ރަޖިސްޓްރީ ކުރަން ފަށާފައިވާކަމަށެވެ.
އިއްޔެ ފެށި މި ހަރަކާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވެސް ބައިވެރިވެވަޑައިގެން، ބުޅަލަކަށް ބޭސްދެއްވައި ’ގޯލްޑީ’ގެ ނަމުގައި ބުޅަލަކަށް ނަން ދެއްވައި ރަޖިސްޓްރީ ކުރައްވާފައި ވެއެވެ.
މިކަމާއި ގުޅޭގޮތުން، ފީލައިން ވެލްފެއާގެ ފަރާތުން އަހުމަދު ވިޒަން ވިދާޅުވީ، ބުޅާތަކަށް ދޭ ބޭސް ހަދިޔާ ކޮށްފައިވަނީ ކެއާ ފޯ ޕޯޒް ނަމަކަށް ކިޔާ ޖަމިއްޔާއަކުންކަމަށާއި، މި ބޭސް ދިނުމަށް ފަހު ރަޖިސްޓަރ ކޮށްފައިވަނީ މޭރީ ބްރައުން ކުރިމަތީގައި އޮންނަ ޕާކިން ސަރަހައްދަށް އެއްވާ ބުޅާތައް ކަމަށެވެ.
އިއްޔެ އެކަނިވެސް 80 ބުޅާ ރަޖިސްޓަރ ކޮށްފައިވާއިރު، ވިޒަން ވިދާޅުވީ، ކޮންމެ ބުޅަލެއް ރަޖިސްޓަރ ކުރުމަށްޓަކައި ސީރިއަލް ނަމްބަރަކާ އެކު ކަރުގައި ޓެގެއް އަޅުވާފައިވާ ކަމަށާއި، އެ ބުޅަލަކާއި ބެހޭ ހުރިހާ މައުލޫމާތެއް ޖަމިއްޔާއިން ރައްކާކޮށްފައިވާ ކަމަށެވެ.
”ބުޅާތައް ރަޖިސްޓްރީ މި ކުރަނީ އެއަށް ޖެހިފައިވާ ބައްޔާއި ދިން ފަރުވާ ޑޮކިއުމަންޓް ކުރުމުގެ ގޮތުން. ސީރިއަލް ނަމްބަރު ޗެކް ކުރުމުން، އެ ހުރިހާ މައުލޫމާތެއް ވެސް އޭރަށް އެނގޭނެ،“
ވިޒަން ވިދާޅުވިއެވެ.
މިއީ ހަމައެކަނި ބުޅަލުގެ މެދުގައި ފެތުރުނު ނަމަވެސް ނުރައްކާތެރި ބައްޔެއްކަން ފާހަގަކުރައްވަމުން ވިޒަން ވަނީ އެ ސަރަހައްދަށް ދާ މީހުން މި ދުވަސްވަރު ބުޅަލަށް ކާން ނުދިނުމާއި، ބޭސް ނުދިނުމަށާއި، ބުޅަލެއްގައި އަތްލައިފި ނަމަ، ރަނގަޅަށް އަތްދޮވުމަށް އިލްތިމާސް ކޮށްފައެވެ.
މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭނެ ’ޕެޓް ކެއަރ ފެސިލިޓީ’އެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ހުޅުމާލެ ފަރުކޮޅުފުށީގައި ފަށާފައިވާއިރު، ޕެޓް ކެއާ ފެސިލިޓީ ނިމެންދެން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ވަޒީރު ރަމީލާ ވަނީ ވިދާޅުވެފައެވެ.