ޗައިނާއެކު ވެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން މަސްވެރިންނަށް ފައިދާ ކުރާނެ: ސިޔާމް
ދެންމެ | 01 އޯގަސްޓް 2024

ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން (އެފްޓީއޭ) ރާއްޖޭގެ މަސްވެރިކަމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، މި އެއްބަސްވުމުގެ ދަށުން މަހުގެ 298 ބާވަތަކުން ޑިއުޓީ މަޢާފުވެގެންދާނެ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ދޮށީގެ މަސްވެރިންނަށް ރަނގަޅު އަގެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފްކޯއިން މިހާރު ބޭރުކުރާ 70,000 ޓަނުގެ މަހަށް އިތުރު ބާޒާރު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޗައިނާގެ އެފްޓީއޭގެ މަސައްކަތް އެމްޑީޕީގެ ސަރުކާރުން ހުއްޓުވާލި ނަމަވެސް، މިހާރު އަލުން މި އެއްބަސްވުން ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. މީގެ އިތުރުން، އިންޑިއާއާއެކުވެސް އެފްޓީއޭއެއް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ތުރުކީއާއެކު ހެދުމަށް ނިންމާފައިވާ އެފްޓީއޭގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

މަސްވެރިކަމަކީ ރާއްޖެއަށް ބޭރުފައިސާ ލިބުމަށް އޮތް ވަރަށް މުހިންމު ސިނާޢަތެއް ކަމަށް ފާހަގަކުރައްވައި، ޗައިނާއާއެކު ކުރަމުންދާ ވިޔަފާރީގައި ދިވެހި ރުފިޔާ ބޭނުންކުރެވޭނެ މަގު ހޯދުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!