ދަރަނި ނުދައްކައި ލަސްކުރުމަކީ ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ދަރަނި އަދާކުރުމަށް ގޮވާލާ މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ދަރަނި ނަގަން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައި ކަމަށް ބުނެފައެވެ.
ޚުތުބާގައި ބުނީ ދަރަނި ނުދައްކައި ލަސްކުރުމަކީ ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެއް ކަމަށާއި ދަރަނި ދެއްކުން ފަސްކުރުމަކީ ދަރަނި ދޫކުރި މީހާއަށް ނުހަނު ގެއްލުންވާނެ ކަމެއް ކަމަށެވެ.
އަދި ދަރަނި ނަގަނީ ބައިތުލްމާލުންކަމުގައި ވަނީ ނަމަ އެއީ އެންމެހައި ރައްޔިތުންގެ ޙައްޤުތައް އޭގައި ހިމެނޭ އެއްޗެއް ކަމަށާއި އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެ ކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެ ކަމެއް ކަމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.
ދަރަނި ނަގަންވާނީ އެ ދޫކުރި ފަރާތަށް ގެއްލުން ދިނުމުގެ ނިޔަތަކު ނޫން ކަމަށާއި ދަރަނި އަދާކުރަން އަވަސްވެގަތުމަކީ ދަރަނި ނެގި ފަރާތަށާއި ދޫކުރި ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ބޮޑެތި ދަރަނިތައް ނަގާން ވާނީ އެ ފަދަ ދަރަނި އަދާކުރާނެ ގޮތުގެ ޙިކުމަތްތެރި ރޭވުމެއް އޮވެގެން ކަމަށާއި ދަރަނި ނުދެއްކި، ޝަރީޢަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެ ކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ނަގައިލެވޭ ކަމަކަށް އެ ކަން ވެގެންނެއް ނުވާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ދަރަނީގެ މުޢާމަލާތަކީ، ޝަރުޢީ ޙުކުމްތަކެއް ހުރި ކަމެކެވެ. ދަރަނީގެ މުޢާމަލާތެއް ކުރާ އިރު، އެ ކަމާ ބެހޭ ލިޔެކިޔުމާއި، ހެކި ހުންނާން ޖެހޭނެ ކަމަށް ކީރިތި ޤުރްއާނުގައި ވަނީ، އަމުރުކުރައްވައިފައެވެ.
އަދި އެފަދަ ދަރަންޏެއް ނެގުމަށް ވުރެ، އައުލާކަން ބޮޑީ ލިބޭ އާމްދަނީއަކާ އެއްވަރަށް ޚަރަދުތައް ކުޑަކޮށް އިގްތިސާދު ކުރުން ކަމަށާއި ދަރަނި އަދާކުރުމުގެ ނިޔަތުގައި، ދަރަނި ނަގާ މީހުންނަށް ދަރަނި ދެއްކޭނެ ގޮތް، މާތް ﷲ މިންވަރުކޮށްދެއްވާނެ ކަމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.