ދާޚިލީ ކަންކަން ހަމަމަގަށް އެޅެމުން މިދަނީ ރައްޔިތުން ”ގަޓު“ ހުންނެވި ރައީސަކާ ޤައުމު ހަވާލު ކުރެއްވީތީ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ”ގަޓު ހުރި ހޯމް މިނިސްޓަރެއް، ބިރުގަންނާނެ ނިންމުންތައް އަދި ހުރީ!“ މިސުރުޚީގެ ދަށުން ރާއްޖޭގެ ނޫހެއް ކަމަށްވާ ”މިހާރު“ ނޫހުގައި ޝާއިޢުކުރައްވާފައިވާ ލިޔުމަކަށް އިޝާރަތްކުރައްވަމުންނެވެ.
”ސަރުކާރުތަކަށް އަތްލާން ނުކުރިގެން ބޮއްސުންލާފައި ކިތަންމެ ކަމެއް އެބަހުއްޓެވެ. ގާނޫނު ތަންފީޒު ކުރަން ފަސްޖެހޭތީ އެވެ؛ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރަން ބަލާއިރު، ރާއްޖޭގައި އޮތީ ގާނޫނާއި ގަވާއިދަށް ތަބާނުވުމުގެ ސަގާފަތެއްކަން ހޯމް މިނިސްޓަރު އަލީ އިހުސާނަށް އެނގިވަޑައިގަންނަވައެވެ.“ ހަވީރު ނޫހުގައި ލިޔުއްވާފައިވެއެވެ.
މިނިސްޓަރު އިޙްސާން ވިދާޅުވީ، ދާޚިލީ ކަންކަން ހަމަމަގަށް އެޅެމުން މިދަނީ ރައްޔިތުން ”ގަޓު“ ހުންނެވި ރައީސަކާ ޤައުމު ހަވާލު ކުރެއްވީތީ ކަމަށާއި ތަންފީޒުކުރައްވަމުން ގެންދަވަނީ ރައީސް މުޢިއްޒުގެ ހަރުދަނާ އަދި ޖެހިލުން ކުޑަ ނިންމެވުންތައް ކަމުގައެވެ.
”ދާޚިލީ ކަންކަން ހަމަމަގަށް އެޅެމުން މިދަނީ ރައްޔިތުން ”ގަޓު“ ހުންނެވި ރައީސަކާ ޤައުމު ހަވާލު ކުރެއްވީތީ. އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާ ހަރުދަނާ އަދި ޖެހިލުން ކުޑަ ނިންމެވުންތައް އަޅުގަނޑުމެން ތަންފީޒު މިކުރަނީ.“ ހޯމްލޭންޑް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވެފައިވާ ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ހާއްސަ އިރުޝާދާއެކު މައްސަލަތައް ހައްލުކުރަން ފަށާފައިވާ އިރު ލިސްޓުގައި އިސްކަންދޭނެ ހަތަރު، ފަސް ކަމެއް އެބައޮތެވެ. އެއީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހަމައަކަށް އެޅުވުމާއި ޑްރަގްސް އާއި ގޭންގު ކުށްތައް ހުއްޓުވުމުގެ އިތުރަށް ކުޑަކުދިން ކުށްތަކަށް ރެކްރޫޓްކޮށް އެ ކުދިން ލައްވައި ކުށަށް އަރައިގަތުން ހުއްޓުވުމެވެ.
މިކަންކަމަށް އިސްކަމެއް ދެއްވައިގެން މިނިސްޓަރު އިޙްސާން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. އަދި ގިނަ ރައްޔިތުންވެސް ދަނީ އެކަން ފާހަގަކުރަމުންނެވެ.