ދިވެހިންގެ ބޭންކް ދިވެހިންނަށް ބޮޑު އާފާތަކަށް ވެއްޖެ
ދެންމެ | 07 އޯގަސްޓް 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެޕުގެ ޚިދުމަތާއި ކާޑު މެޝެނާއި، އޭޓީއެމްގެ ޚިދުމަތަށް ބުރޫއަރައި، އަށް ގަޑިއިރަށްވުރެ ގިނައިރުވީއިރު ވެސް، ރަނގަޅުނުވާތީ އާންމުން ވަރަށް ބޮޑަށް ނުރުހުންވެ ފާޑުކިޔަން ފަށައިފިއެވެ.

މިއަދު ހެނދުނުއްސުރެ ބީއެމްއެލްގެ ޚިދުމަތްތައް މެދުކެނޑިފައިވާއިރު، ސޯޝަލް މީޑިއާގައި ބީއެމްއެލަށް ރައްދުކޮށް ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.

އެގޮތުން ސްކޫލު ވަގުތަކާއި އޮފީސް ވަގުތުތަކާ ދިމާކޮށް ޚިދުމަތްތައް މެދުކެނޑުމުން، ކޮންމެހެން ގަންނަންޖެހޭ ޒަރޫރީ ތަކެތި ވެސް ނުގަނެވި ތިބިކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

”މީދެން ވަރަށް ބޮޑު މައްސަލައެއް. އަހަރުމެންގެ ދަރިން ސްކޫލަށް ދާން ވާއިރަށް އިންޓަވަލް ގަންނާނެ ލާރިއެއް ނެތް. ކުދިންގެ އިންޓަވަލް ގަނެނުދެވިގެން ކިތައް ބެލެނިވެރިން އަނބުރާ ގެއަށް ދާން ޖެހުނީ. އެ ކުދިން މިއަދު ސްކޫލަށް ފޮނުވަންވީ ކާނެ އެއްޗެއް ގަނެ ނުދީ ދޯ،“ ފޭސްބުކުގައި މީހަކު ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.

މީގެ އިތުރުން ވެސް އެތައް ބަޔަކު އަންނަނީ ޝަކުވާތައް ހިއްސާކުރަމުންނެވެ.

”މިއަދު ހެނދުނު އަޅުގަނޑު ޕެޓްރޯލް ޝެޑަށް، ގޮސް ޕެޓްރޯލު އެޅިފަހުން މި އެނގުނީ އެޕު ވެސް ކާޑު ވެސް މަސައްކަތް ނުކުރާކަން. ދެން ލާރި ނުދައްކާ ދާން ދޯ ޖެހޭނީ. ޚިދުމަތް ލިބެން ފެށީމާ ލާރި ފޮނުވާގޮތަށް އެއްބަސްވެގެން ދިޔައީ ދެން،“ އާންމު މީހަކު ބުންޏެވެ.

ބީއެމްއެލްގެ ޚިދުމަތްތައް ހުއްޓުމާއެކު ވިޔަފާރިވެރިންނަށް ވެސް އެކަމުގެ ދަތި އަންނަނީ ކުރިމަތިވަމުންނެވެ. މީގެ އިތުރުން ކެފޭ ރެސްޓޯރަންޓުތަކުގެ ވިޔަފާރި ދަށްވެ، އެ ތަންތަނުން ޚިދުމަތް ހޯދަން ދިޔަ މީހުންނަށް ވެސް ތަކުލީފުތަކާ ވަނީ ކުރިމަތިވެފައެވެ.

”އަސާސީ ހައްގެއް ހިފަހައްޓައިގެން މި އުޅެނީ. މިހެން މި ކަން ވެގެން ނުވާނެ،“ އެކްސްގައި މީހަކު ލިޔެފައިވެއެވެ.

ކޮވިޑުގެ ބަލިމަޑުކަމަށްފަހު ގިނަ ބަޔަކު މާލީ މުއާމަލާތްތައް ކުރަމުން އަންނަނީ އޮންލައިންކޮށެވެ. ނަގުދު ފައިސާ އަތުގައި ގެންގުޅޭ މީހުން މަދެވެ. އެހެންކަމުން އޮންލައިން ބޭންކިން ހުއްޓުމާއެކު ގިނަބައެއްގެ އާންމު ދިރިއުޅުން ވެސް އެއްކޮށް ވަނީ ހުއްޓިފައެވެ.

ބީއެމްއެލްއިން މިއަދު ހެނދުނު 7:51ގައި އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެޕާއި އިންޓަނެޓް ބޭންކިން ބުރޫ އަރައިފައިވާ ކަމަށް ބުނެފައެވެ.

އެ މައްސަލަ ވީހާ ވެސް އަވަހަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލްގެ ޚިދުމަތްތަކަށް ބޫރޫއެރުމަކީ ދޭތެރެއަކުން ދިމާވާ މައްސަަލައެކެވެ. އޭގެ ސަބަބުން ގިނަ ބަޔަކަށް އެކި ދަތިތައް ކުރިމަތިވާއިރު އެ ކަމަށް ގިނަ ބަޔަކު އަބަދުވެސް ފާޑުކިޔައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!