ފެނަކައިން ވަގުތީ މުވައްޒަފުން ވަކި ކުރަން ނިންމައިފި
ދެންމެ | 07 އޯގަސްޓް 2024

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ނަގާފައި ތިބި ވަގުތީ މުވައްޒަފުން ވަކިކުރަން އެކުންފުނިން ނިންމައިފިއެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަށްރަށުގައި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ހާއްސަކޮށްގެން ކޮންޓްރެކްޓު އުސޫލުން ވަޒީފާ ދީފައިވާ މުވައްޒަފުން މި މަހުން ފެށިގެން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.

އެކި އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރި، ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ނަގާފައިވާ ”ކޮންޓްރެކްޓް ސްޓާފުން“ގެ މުއްދަތު ހަމަވުމުން އެފަދަ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރާނެކަން ފެނަކައިން މިދިޔަ ޑިސެމްބަރު މަހު ނިންމާފައި ވާކަމަށް އެ ކުންފުނިން ބުންޏެވެ.

ފެނަކައިން ބުނީ އެކުންފުނީގެ ވަކި މަސައްކަތްތަކަކަށް ހާއްސަކޮށްގެން ”ކޮންޓްރެކްޓް ސްޓާފުން“ގެ ގޮތުގައި ނިމިދިޔަ މެނެޖްމަންޓުން 2،000 މުވައްޒަފުން ނަގައިފަވާ ކަމަށެވެ.

އޭގެ ތެރެއިން 1،800 މީހުން ނަގާފައި ހުރީ ކުދިކުދި މަސައްކަތްތަކަށް ކަމަށް އެކުންފުނިން ބުންޏެވެ. އެގޮތުން މީގެ ތެރެއިން އިންޖީނުގެ އާއި އޮފީސް އިމާރާތްތައް ހަދަން 731 މުވައްޒަފުން ނަގާފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ.

ފެނަކައިން ބުނީ ކޮންޓްރެކްޓް ސްޓާފުންގެ މުސާރައަށް މަހަކު ހަތް މިލިއަނާއި ނުވަ މިލިއަން ރުފިޔާއާ މެދު ޚަރަދުކުރަން ޖެހޭ އިރު، ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު މިއީ ކުރެވޭނެ ވަރުގެ ހޭދައަކަށް ނުވާކަމަށެވެ.

އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު 99 އިންސައްތަ މަޝްރޫއުތައް ހުއްޓިފައި އޮތް ނަމަވެސް، އެ މުވައްޒަފުންނަށް މަހުން މަހަށް ފައިސާ ދެމުން ދިޔަ ކަމަށާއި އެކުންފުނިން ނިންމާފައިވަނީ ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމުގެ ބަދަލުގައި އެ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދައިގެން އެކަން ކުރަން ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އެހެން ކަމުން ބައެއް ޕްރޮޖެކްޓުތައް ހިންގާނެ ބަޔަކު ހޯދަން މިއަދު އިއުލާނު ކުރާނެކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ފެނަކައިން މުވައްޒިފުން ވަކިކުރާތީ ހއ. ދިއްދޫގައި ވެސް ވަނީ ކަންބޮނޑުވުން ފާޅުކޮށް މުޒާހަރާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!