އާދީއްތަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ: މެޓް
ދެންމެ | 08 އޯގަސްޓް 2024

އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މިއަދު މެންދުރުން ފެށިގެން މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.

”ދެކުނަށް ކޮންމެ ވެސް ވަރަކަށް ކެރި އެބަހުރި އެހެންނަމަވެސް އެހާ ބޮޑު ވިއްސާރައެއް ނުދައްކާ އުތުރާއި މެދުރާއްޖެތެރެއަށް. މާދަމާ މޫސުން ރަނގަޅަށް އޮންނާނެ ކަމަށް ބޮޑަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރެއަށް.“ އޮފިޝަލު ވިދާޅުވިއެވެ.

 

ކުރިއަށް އޮތް ތިން ދުވަހުގެ މޫސުމަށް ބަލާއިރު އަންނަ ހޮނިރު ދުވަހު ހަވީރުން ފެށިގެން ރާއްޖޭގޭ ހުރިހާ ސަރަހައްދަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އާދީއްތަ ދުވަހުން ފެށިގެން ކުރިޔަށް އޮތް 5 ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

”ސަޓަޑޭގައި ވެސް ބޮޑަށް އާފްޓަނޫން (މެންދުރުން) އިން ފެށިގެން ކެރި އުޅޭނެ ކަމަށް ލަފާކުރެވޭ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް. ދެން ސަންޑޭއިން ފެށިގެން ގާތްގަނޑަކަށް 5 ދުވަހަށް ވަރަށް ވިއްސާރަކޮށް ދައްކަނީ. ހެވީ ޝަވާއެއް (ބޯކޮށް ވާރޭވެހޭނެ ކަމަށް) ދައްކަނީ.“ މެޓުން ބުންޏެވެ.

މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މިއަދު ހަވީރު 18:00 އަށް މެޓް އިން މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެއެވެ.

ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އިން ލަފާކޮށްފައިވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 2-6 ހުންނާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ފާއިތުވީ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެ ސަރަހައްދަށެވެ. އެގޮތުން ހުޅުލެއަށް 118.8 މިލިމީޓަރުގެ ވާރޭ ވެހުނުއިރު ހުޅުމާލެއަށް 85.8 މިލިމީޓަރުގެ ވާރޭ އަދި މާލެއަށް 85 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި އއ. ތޮއްޑުއަށް 101.8 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!