ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ގެ ފަރާތުން ފެނިގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަހުލާގު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ފަރާތުން ދާދިފަހުން ބޭއްވި ޖަލްސާއެއްގައި އަބްދުލްރަހީމް ވަނީ ޔާމީން ހުންނެވީ ވައްކަންކޮށްގެން ކަމަށް ވިދާޅުވެ އެމަނިކުފާނަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.
ޕީއެންއެފުން މިރޭ ބޭއްވި ފްރޮންޓް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އަބްދުލްރަހީމް އަކީ އެމަނިކުފާނުގެ ރޯލް މޮޑެލް ކަމަށް ރައީސް މުއިއްޒު ވިދާޅުވާ ކަމަށާއި އެހެންކަމުން އަބްދުލްރަހީމް ދައްކަވާ ވާހަކަތަކުން ރައީސް މުއިއްޒުގެ އަހުލާގު ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ.
”ރައީސް މުއިއްޒު އަބްދުލްރަހީމް ލައްވާ މިކަން ކުރީމާ، ރައީސް މުއިއްޒުގެ އަހުލާގު އެ ފެންނަނީ،“ ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒު ދައްކާ ވާހަކަތަކަށް ރައްދު ދެއްވުމުން އެ ވާހަކަތަކުން ރެކިވަޑައިގަތުން ނޫން ކަމެއް އެމަނިކުފާނު ނުކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ މި ސަރުކާރުން އަބްދުލްރަހީމްގެ އާއިލާގެ ގިނަ ބޭފުޅުންތަކަކަށް މަގާމުތައް ދެއްވާފައިވާތީ ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވަޒީފާ ދީފައި ތިބި ގިނަ ބޭފުޅުންގެ ތައުލީމީ ފެންވަރާއި މެދު ސުވާލު އުފައްދަވަމުން ޔާމީން ވަނީ މިއީ ޒާތީ ވެގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި ތައުލީމީ އެތައް ބަޔަކު ވަޒީފާ ނުލިބިފައި އެބަތިބި ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖެ އިން މިއަދު ފެންނަނީ ރައީސުލްޖުމްހޫރިއްޔާ ހިތުހުރި ގޮތަކަށް، ހިތުހުރި ތަނަކަށް މީހުން އައްޔަން ކުރެއްވުމުން ދިމާވާ މައްސަލަތައް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.