ބިދޭސީންގެ މައްސަލައިގައި މިނިސްޓަރ އިހްސާނަށް ރައީސް ޔާމީން ތައުރީފް އޮއްސާލައިފި
ދެންމެ | 09 އޯގަސްޓް 2024

ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތްޕުޅަށް, ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ތައުރީފް ކުރައްވައިފިއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިމިގްރޭޝަނުން ދަނީ ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން އާއްމުންނަށް ރިޕޯޓް ކުރެވޭ ޕޯޓަލްއަކާއެކު, މައުލޫމާތު އެއްކޮށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި, އެ މީހުން ކުރަމުން އަންނަ ވިޔަފާރިތައް އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންނެވެ.

ޔާމީންގެ ޕާޓީ, ޕީއެންއެފްގައި ބޭއްވި ޖަލްސާއެއްގައި ބިދޭސީންގެ މައްސަލައިގައި ސަރުކާރުން ކަންތައް ކުރަމުން އަންނަ ގޮތާ ގުޅޭ ގޮތުން އާއްމުންގެ މީހަކު ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ, ބިދޭސީންގެ މައްސަލައިގައި މިނިސްޓްރީންނާއި އިމިގްރޭޝަނުން ކުރައްވާ މަސައްކަތަކީ ކްރެޑިޓް ޙައްޤު މަސައްކަތެއް ކަމަށެވެ.

”އަޅުގަނޑު ކްރެޑިޓް ދެމޭ މިނިސްޓަރ އިހްސާނާއި އިމިގްރޭޝަން ޝަމްއާނާ ކުރައްވާ މަސައްކަތަށް. އެ ބޭފުޅުން އެކުރައްވަނީ ވަރުގަދަ ރަނގަޅު މަސައްކަތްތަކެއް“ ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ބިދޭސީންގެ މައްސަލައަކީ އެތައް ބައިވަރު އަހަރަކުން ހެދުނު އެތައް ގޯސްތަކަކުން އުފެދުނު މައްސަލައެއް ކަމަށާއި, މައްސަލަ ހައްލު ކުރަން ގެންގުޅޭނީ ކޮން ސިޔާސަތެއްކަން ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން އެ މައްސަލަ ހައްލުކުރާނީ ކެންސަރަށް ފަރުވާދޭ ގޮތަށްތޯ, ނޫނީ ހަކުރު ބަލި ޖެހުމުން ހަށިގަނޑުން ބައެއް ބުރިކޮށްލާ ގޮތަށްތޯ, ނޫނީ ހަށިގަނޑަށް އެއަށްވުރެ ލުއިކޮށްތޯ ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ, ބިދޭސީންގެ މައްސަލައިގައި ސަރުކާރުން ކަންކުރަމުން އަންނަނީ ރަނގަޅަށް ކަމަށް ވިޔަސް, މައްސަލައިގެ އެންމެ ފުނަށް ދާން ޖެހޭ ކަމަށެވެ.

“ މިތަނަށް އަންނަ ނިކަމެތި މީހުން މިއަންނަނީ އެކޮޅުން އެތައް ލާރިއެއް އެޖެންޓަށް ދީފައި, މިކޮޅު އެޖެންޓަށް ލާރި ދީފަ. ގެ ރަހުނު ކޮށްފައި, އެތައް ލޯނެއް ނަަގާފައި“ ޔާމީން ވިދާޅުވީ, އަސްލު މައްސަލައަކީ ބިދޭސީން ރާއްޖެ އެތެރެކޮށް, އެ މީހުން ގަވާއިދުގެ ތެރެއަށް ނުފައްތާ ދިވެހިންނާއި ބަންގްލަދޭޝްގެ އެޖެންޓުން ކަމަށެވެ. އަދި މި ފަރާތްތަކަށް އަދަބު ދެވެން ޖެހޭ ކަމަށާއި, ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައިގައި ކަންކުރަން ޖެހޭނީ ވަރަށް ވިސްނައިގެން ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ބޭނުމެއް ނޫން, މިކަމާ ގުޅޭ ގޮތުން އަވައްޓެރި ޤައުމަކާ ޖެހޭކަށް.“ ޔާމީން ވިދާޅުވީ ބަންގްލަދޭޝަކީ ރާއްޖެއަށް ދައްޗެއް ދިމާވި ކޮންމެ ހާލެއްގައި ވެސް އެންމެ ގާތުން އެހީތެރިވެދޭ އެއް ޤައުމު ކަމަށެވެ. އަދި ސަރުކާރުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި މިއަށްވުރެ އިހްސާންތެެރިކަމާއެކީގައި ކަންތައް ކުރުމަށް ގޮވާލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!