މާލޭ ބަނދަރުކުރާ ރާއްޖެެތެރޭ ނާލު ބޯޓު ފަހަރުން ފީ ނެގުމަށް ކައުންސިލުން މަޝްވަރާކޮށްފި
ދެންމެ | 09 އޯގަސްޓް 2024
މާލޭގެ ފަޅުތެރޭގައި ބަނދަރުކޮށްފައި އޮންނަ ބޮޑެތި ބޯޓު ފަހަރުން ފީ އެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން މަޝްވަރާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިކަމަށް މަޝްވަރާ ކޮށްފައިވަނީ އިއްޔެ ބޭއްވި އާންމު ޖަލްސާގައެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި ފަޅުގައި އެއްވެސް ފީއެއް ދެއްކުމެއްނެތި ބޮޑެތި ބޯޓު ފަހަރު ގިނަ ދުވަސް ވަންދެން ބަނދަރުކުރާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން 60 ބޯޓެއްގެ ވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

”ނޯތު ހާބަރުގައި ބައެއް ބޭފުޅުން ވަރަށް ބޮޑެތި ހަރަދުކޮށްގެން މުދާ ބަރުކޮށް ހަދާ. ނަމަވެސް ބައެއް ބޭފުޅުން މުޅި ބޯޓު އެއްކޮށް ހުރަހަށް ބާއްވައިގެން، އެތައް ދުވަހެއް ވަންދެން، ދެ ހަފްތާ ނުވަތަ ތިން ހަފްތާވަންދެއް އެބަ ތިބޭ،“. އާޒިމް ވިދާޅުވިއެވެ.

މާލޭގެ ފަޅުގައި ބަނދަރުކުރާ ބޯޓު ފަހަރުތަކުން ފީ ނެގުމުގެ ގަވާއިދެއް ކައުންސިލުން މީގެ ކުރިން ފާސްކޮށްފައިވާ ކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ އެއަށް އަދި އަމަލުކުރަން ނުފަށާ ކަމަށެވެ.

އެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ސައިފް ފާތިހް ވިދާޅުވީ މާލޭގެ ހުރިހާ ބަނދަރެއް ބަލަނީ މާސްޓާ ޕްލޭނެއްގެ ދަށުން އެންމެ ޒަމާނީ ފެންވަރަށް ކަމަށެވެ. މިހާރު ބަނދަރުތައް ބަލަހައްޓާ ގޮތަށް އެތަން މެނޭޖު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ސައިފް ވިދާޅުވީ ބޯޓުފަހަރު ބަނދަރުގައި އަޅާ މުއްދަތާއި ތާރީހު ކައުންސިލަށް އެނގެންޖެހޭ ކަމަށެވެ.

ސައިފް ވިދާޅުވީ މާލޭގެ ބަނދަރު އެެއްކޮށް ރަނގަޅުކުރުމާމެދު ކައުންސިލުން ވިސަންނަން ޖެހޭ ކަމަށެވެ. ހާބާ މާސްޓާ ޕްލޭނެއް އެކުލަވާލައި، ތަރުތީބު ގޮތަކަށް، އެސްއޯޕީއެއްގެ ދަށުން، ފީއެއްވެސް ނަގައިގެން އެތަން މެނޭޖް ކުރުމަށް ސައިފް ހުށަހެޅުއްވިއެވެ.

އިއްޔެ އެ މައްސަލަ ނިމުނީ އެ މައްސަލަ ޓްރެފިކް އެންޑް ބަންކް ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!