އެމްޑީޕީގެ އިސްވެރިން ފަރިވަޅު ހިފައިގެން ޖައިޝަންކަރު އަރިހަށް!
ދެންމެ | 10 އޯގަސްޓް 2024

މިހާރު ރާއްޖެ އަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި އިދިކޮޅު އެމްޑީޕީގެ އިސްވެރިން މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ މެމްބަރުންނާ ބައްދަލުވުމުން އުފާ ކުރައްވާ ކަމަށާއި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރުގަދަ ކުރުމަށް އެ ބޭފުޅުން ކުރައްވާ މަސައްކަތްތައް ބަލައިގަންނަވާ ކަމަށެވެ.

ޖައިޝަންކަރާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޕާޓީގެ ނައިބު ރައީސާ ހިސާން ހުސެއިނާއި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލާއި ޒުވާނުންގެ ހިތްވަރުގެ ރައީސާ ރިފްގާ ޝިހާމާއި އެމްޑީޕީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މެމްބަރު އަދި ކުރީގެ މިނިސްޓަރު އާމިނަތު ޝައުނާ އާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ހުސަން ޝަހީމް (އަނދުން ހުސައިން) ގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގު ވެސް ބައިވެރިވެވޑައިގަތެވެ.

އެ ބައްދަލުވުމާ ގުޅިގެން އެމްޑީޕީން ބުނީ ރާއްޖެއާ އިންޑިއާގެ ގުޅުން ބިނާވެފައި ވަނީ އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމުކުރުމާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ދެ ގައުމުގެ ސަރަަހައްދުގެ ސަލާމަތާއި އިންޑިއާގެ ކަނޑުގެ ސަރަަހައްދުގެ އަމާންކަމާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތުގެ މައްޗަށް ކަމަށެވެ. ރާއްޖެއިން އިންޑިއާގެ އެހީއަށް ބޭނުންވާ ކޮންމެ ވަގުތަކު އެކަމަށް އެ ގައުމުން އިޖާބަދޭނެ ކަމުގެ ޔަގީންކަން އަބަދުވެސް ރާއްޖެއަށް އޮންނަ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނި ގޮތުގައި މި ސަރުކާރުން އެކި ގޮތްގޮތަށް އިންޑިއާއާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރުމަކީ ހިތާމަކުރާ ކަމެކެވެ. އެ ގައުމަށް މަލާމާތް ރައްދުކުރުމަކީ ދުވަސްވީ ރަހުމަތްތެރިކަމުގެ ގުޅުމަށް ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގްތިސާދާއި ބައިނަލްއަގްވާމީ މުޖުތަމައުގައި ލިބިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެށި ”ވެލްކަމް އިންޑިއާ“ އަށް މަރުހަބާ ކިޔައި އެ ޕާޓީން ބުނީ މި ބަދަލަކީ ހަމައެކަނި ވަގުތީ ނުވަތަ ދެއްކުންތެރިކަމުގެ ބަދަލަކަށް ނުހަދައި ރައްޔިތުންގެ މަސްލަހަތުތައް ދެމެހެއްޓެނިވި، މާނަ ހުރި ބަދަލަކަށް ހަދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އެމްޑީޕީން ވަނީ ”އިންޑިއާ އައުޓް“ ގެ ނަމުގައި ހިންގި ހަރަކާތްތަކުގެ ސަބަބުން ލިބުނު ގެއްލުމަށް ސަރުކާރުން މާފަށް އެދުމަށް ވެސް ގޮވާލައިފަ އެެވެ.

ފާއިތުވި ފަސް އަހަރު އިންޑިއާ އިން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް އެއްބަސްވުންތައް ދަންމާލައި އިތުރަށް އެހީތެރިކަން ފޯރުކޮށްދޭން އެ ގައުމުން ނިންމި ނިންމުމަށް ވެސް އެމްޑީޕީން ޝުކުރު އަދާކުރި އެވެ.

ޖައިޝަންކަރު އިއްޔެ ރާއްޖެ ވަޑައިގަތީ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށެވެ. އޭނާ މިއަދު ވަނީ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ. އެ ބައްދަލުވުމާއި ބައްދަލުވުމަށް ފަހު ވެސް ދެ ބޭފުޅުން ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން ދައްކައިދޭ ވާހަކަފުޅުތައް ދައްކަވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!