އިޒްރޭލްގެ އަނިޔާވެރިކަން ވަގުތުން ވަގުތަށް ހުއްޓުވަން ރައީސް ގޮވާލައްވައިފި
ދެންމެ | 11 އޯގަސްޓް 2024
އިޒްރޭލު ޖަވާބުދާރީ ކުރުވުމަށާއި ފަލަސްތީންގެ އާންމުން ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވީ ޣައްޒާގެ އިތުރު ސުކޫލަކަށް އިޒްރޭލުން ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި އަލްތަބީން ސްކޫލުގައި ހިމާޔަތް ހޯދަމުން ދިޔަ އަންހެނުންނާއި ޒަހަމްވެފައިވާ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް ޝަހީދުވެފައިވާ މަންޒަރު ފޮޓޯތަކުން ފެންނަކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު ހަނގުރާމަ ފެށި ފަހުން ފަލަސްތީނުގެ ކުށެއް ނެތް 39،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އަދި މިއީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފު ކަމެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ އިޒްރޭލު ޖަވާބުދާރީ ކުރުވައި އާންމުން ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ޣައްޒާގެ އަލް-ތާބިއީން ސްކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފައިވާއިރު ވަރަށް ގިނަ ގައުމުތަކުން ވެސް އިޒްރޭލުގެ ލާއިންސާނީ މި ހަމަލާ ވަނީ ކުށްވެރިކޮށްފައެވެ.

އިޒްރޭލުން ދިން ލާއިންސާނީ މި ހަމަލާގައި ގެދޮރު ގެއްލިފައިވާ 100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވެއެވެ.

މި ހަމަލާ އާއި ގުޅިގެން އިޒްރޭލު ސިފައިިން ބުނީ މި ސްކޫލަކީ ހަމާސްގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެއް ކަމަށާއި އާންމުންގެ މަރުގެ އަދަދު މަތިވެފައިވީ ނަމަވެސް، އާންމުންނަށް ގެއްލުން ވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!