ޓިކްޓޮކް ކުއްވެރިވެ، އަނދަގޮނޑި އާއި ހިލިިހިލާ ޖަހަންވީ ކީއްވެ!
ދެންމެ | 11 އޯގަސްޓް 2024

ދުނިޔެ ތަރައްގީވެ ޓެކްނޮލޮޖީގެ ގޮތުން އަންނަ ކޮންމެ ތަރައްޤީއަކީ އިންސާނާއަށްވެސް އަންނަ ތަރައްޤީއެކެވެ. ވަސީލަތްތައް ފަސޭހަކަމާއި އެކު ބޭނުންކުރަން އެނގުމާއި އޭގެ މަންފާ ބޭނުންތެރިގޮތުގައި ހިފަން އެނގިއްޖެ މީހަކަށް ޓެކްނޮލޮޖީއަކީ ރަނެވެ.

އެހެންނަމަވެސް އޭގެ ބޭނުން ނަހަމަގޮތުގައި ހިފާ ތަންދޮރު ނުދަންނަ މީހުން އެދަނީ ތަރައްޤީގެ މަގުން ބަލާއިރު ފަހަތަށް ސޮއްސާލައިގެންނެވެ. ރާއްޖޭގައި ސޯޝަލް މީޑީއާއަށް ބަލާއިރު ފެންނަނީ ނާތަހުޒީބީ ކުލަވަރު ގަދަވެފައިވާ މަންޒަރެވެ. ވަކިން ހާއްސަކޮށް ޓިކްޓޮކްގައި މިކަން ބޮޑެވެ.

އިޖްތިމާއީ މިންގަނޑުން ބަލާއިރު އެއްވެސް ހަމައެއް ލަމައެއް ނެތް ކޮންޓެންޓްތައް ގިނައެވެ. އެހެންނަމަވެސް ޓިކްޓޮކްގެ ބޭނުން ހެޔޮގޮތުގައި ހިފާ ކޮންޓެންޓް ކްރިއޭޓާރސްވެސް ރާއްޖޭގައި މަދެއް ނޫނެވެ.

ހިތާމައަކީ އަބަދު އަހްލާގީ މިންގަނޑުން ބޭރުން ޓިކްޓޮކަށް ދޫކޮށްލާ ކޮންޓެންޓްތަކެވެ. އެކި އުމުރުފުރާތަކުގެ މީހުން ބަލާ ޓިކްޓޮކްގައި އެކި މީހުންގެ މައިންބަފައިންނަށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމާއި, ހުތުރު ބަހުރުވައިން ވާހަކަދެއްކުމާއި ޒުވާބު ކުރުމާއި ތަޅާ ފޮޅުންތައް ގިނަކަމީ ހިތާމައެކެވެ.

އަޅުގަނޑުމެން ފަދަ އިސްލާމީ ރިވެތި އަހްލާގުން ތަރްބިއްޔަތުވެފައިވާ މުޖުތަމައަކާއި ނުގުޅޭ ކިތަންމެ ކޮންޓެންޓެއް ޓިކްޓޮކްގައި އެ ދަނީ ދައުރުވަމުންނެވެ. ދީނާ ދުރު އަމަލުތަކާއި، ޝަހުވާނީ އަމަލުތަކާއި އެފަދަ ކަންކަމަށް ދޭ ދައުވަތާއި އެފަދަ ހުތުރު ވާހަކަތައްވެސް އެހާމެ ގިނައެވެ.

ރޭގަނޑު ނިދަން އެނދަށް އަރާގޮތަށް ޓިކްޓޮކް ބަލާ ބައެއް މީހުންނާއި ދިމާވެގެން އަހާލީމެވެ. ނިދި ނަގާލާފައި ތިޔަ ބަލަނީ ކޮން އެއްޗެއްތޯއެވެ. އަޅުގަނޑާއި ވާހަކަ ދެއްކި މެދު އުމުރުގެ އަންހެނަކު ބުނީ އެއީ ހަމަ މަޖާކަމުން އޮވެވެނީ ކަމަށެވެ. ޓިކްޓޮކްގައި މަޝްހޫރު ދެ އަންހެނެއްގެ ނަން ކިޔާފައި އޭނާ ބުނީ ”ހާދަ މަޖަލޭ އެ ދެމީހުން ޒުވާބު ކުރާ އަޑު އަހަން, އެމީހުން އަދި މަންމަ އާއި ބައްޕައާއިވެސް ބެހޭ, މީހުންނާއި އަޅުވާ ކިޔާ, މީހުންގެ ފިރިން ކައިރިއަށް ވަންނަނީއޭ ކިޔާ. ވަރަށް މަޖާ އެ ޒުވާބު“. މިއީ އެ އަންހެން މީހާގެ ނިދި ގުރުބާން ކޮށްފައި ބަލަން އޮންނަ މަންޒަރުތައް އޭނާ ސިފަކޮށްދިން ގޮތެވެ. ހަމަ އެގޮތަށް ނިދި ނަގާލާފައި ޓިކްޓޮކް ބަލަން އޮންނަ އެހެން މީހަކު ބުނީ އޭނާ ބަލަނީ ޑްރާމާ ސީރީޒްތައް ކަމަށެވެ.

މިއީ އިޖްތިމާއީ ފޭރާމުގައި ޖެހިފައިވާ ލައްގަނޑެއް ނޫންތޯއެވެ. މިނިވަންކަމުގެ ނަމުގައި ނިކުމެ ޓިކްޓޮކްގައި ޝުއޫރު ފާޅުކުރާއިރު އަޅުގަނޑުމެންގެ އަހުވަންތަކަމާއި އެކަކު އަނެކެއްގެ ކަރާމާތާއި އިއްޒަތްވެސް އެ ދަނީ ނަގާލަމުންނެވެ. އަނބިންނާއި ފިރިންގެ ދެމެދުގައި ހިނގާ ކަންތައްތަކާއި އާއިލީ ގުޅުންތަކުގެ ތެރޭގައި ސިއްރު ކުރެވިފައި ހުންނަންޖެހޭ ކިތަންމެ ވާހަކައެއް އިންޓަނެޓްގެ ތެރެއަށް އެ ދޫކޮށްލަނީއެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ.

ބުރުގާ އަޅާ މީހުން ބުރުގާ ނާޅާވެސް ލައިވްތަކަށް އަރަނީ އެވެ. ހިޖާބުން ނިވާވެގެން މަގުތަކަށް ނިކުންނަ މީހުން ގޭތެރޭގައި އުޅޭއިރު ލައިގެން ހުންނަ ކުރު ހެދުމުގައިވެސް ލައިވްތަކަށް އަރައެވެ. މީހުންގެ ޅަ ދަރީންވެސް ލައިވްތަކުގައި ދައްކައެވެ. ކުދިންގެ ހާޒިރުގައިވެސް ހުތުރު ބަހުން މުއާމަލާތްކޮށް އުޅޭ ލައިވްތައް އެބަހުއްޓެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ އިޖްތިމާއީ ފޭރާން ވީދި ހަލާކުވަމުން އަންނަ ކަހަލަ އިހްސާސެއް ނުކުރެވޭތޯއެވެ.

 

ޓިކްޓޮކްގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހުންވެސް އުޅޭ

ސްމާޓްފޯނެއް އޮތްނަމަ ޓިކްޓޮކްވެސް ގިނަ މީހުން ބޭނުން ކުރެއެވެ. އަޅުގަނޑާއި ވާހަކަ ދެއްކި އެހެން އަންހެނަކު ބުނީ އޭނާ ޓިކްޓޮކް ބަލަނީ ހެދުން ފަހަން ދަސްކުރަން ކަމަށެވެ. އަދި ކްރާފްޓްގެ މަސައްކަތާއި ދަރިން ގެންގުޅުމުގައި ދިމާވާ ބައެއް ކަންކަން ހައްލު ކުރުމަށްވެސް އޭނާ ޓިކްޓޮކްގެ ބޭނުން ހިފައެވެ. އޭނާ ބުނީ ބައެއް ޑޮކްޓަރުންނާއި ސައިކޮލޮޖިސްޓުން އަދި ހެދުން ފަރުމާ ކުރާ މީހުން ފޮލޯ ކުރާ ކަމަށެވެ. މިއީ ނިދި ނަގާލާފައި އޮންނަވަރުގެ އެއްޗެއް ނޫން ކަމަށާއި, އެހެންނަމަވެސް ޓިކްޓޮކްގައި ހުންނަ ކުރު ވީޑިއޯތަކުގެ ސަބަބުން ވަރަށް ގިނަ މައުލޫމާތު އެނގި ހެދުން ފެހުމުގައި ނޭނގޭ އެތައް ކަމެއް އެނގިއްޖެ ކަމަށް އޭނާ ބުންޏެވެ.

ޓިކްޓޮކްގައި އުޅޭ 28 އަހަރުގެ އަންހެނަކު ބުނީ އެއީ ހަމަ ފޫހި ފިލުވާލަން ވަންނަ އެއްޗެއް ކަމަށެވެ. ”މީހުން ލިޕް ސިންކްކޮށްގެން ކިޔާފައި ހުންނަ ލަވަޔާއި, ކުޅެފަ ހުންނަ ލަވަތައް ބަލާލަނީ. ދެން އަމިއްލައަށްވެސް އެގޮތަށް ފޮޓޯ އާއި ލަވަ ޝެއާކުރަން. އެކަމަކު ލައިވްތަކަށް އަރާ ޒުވާބުކޮށް ނަހަދަން. ޒުވާބުތައް ހިނގާ ލައިވްތައް ބައެއް ފަހަރު އަޑުއަހާލަން.“

އެހެން މީހަކު ބުނީ ”ޓިކްޓޮކްގައި އުޅޭ ގުރޫޕުތައް މިހާރު މާރާމާރީވެސް ހިންގާ, ބައެއް އަންހެނުންނާއި ފިރިހެނުން އެބަދޭ އެމީހުން ހޯދައިގެން މަގުމަތީގައި ޒުވާބު ކުރަންވެސް. މިއީ ހަމަ މާލޭގައިވެސް ހިނގާ ކަންކަން, ރަށްރަށުގައިވެސް ވަރަށް ފޯރިގަދަ ޓިކްޓޮކް ތަރިންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭ ބައެއް ފަހަރު“ މިއީވެސް ޓިކްޓޮކް ބަލާ މީހެއްގެ ތަޖުރިބާއެވެ.

އޭނާ ބުނީ ޓިކްޓޮކްގައި އުޅުމަކީ މައްސަލައެއް ނޫން ކަމަށާއި, ފޭސްބުކުތަންތަނުގައި އުޅޭހެން ހަމަ އުޅެވިދާނެ ކަމަށެވެ. އެކަމަކު އަދަބު އަހުލާގު ކުޑަކޮށް އިޖްތިމާއީ މިންގަނޑާއި ހިލާފަށް މުއާމަލާތް ކުރުމަކީ ވަރަށް ލަދުކުޑަ އަމަލެއް ކަމަށް އޭނާވެސް ގަބޫލު ކުރެއެވެ.

”ޓިކްޓޮކަށް ވަދެވޭ ވަރެއް ނޫން. ވަރަށް ގޮތްކުޑަބައެއް އުޅެނީ. މިހާރު އެ ދައްކާ ވާހަކަތަކުން ހުސް ނުބައި އެއްޗެހި ގޮވަނީ އެކަކު އަނެކަކަށް. ބޮޑު އުނދަގުލަކަށް ވެއްޖެ މި މީހުން“ ބައެއް މީހުންގެ ނަންތައް ކިޔާފައި ޓިކްޓޮކް ބަލާ އަންހެނަކު ބުންޏެވެ.

ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާއި ފޮޓޯވެސް ލީކު ކުރަނީއެވެ. އެހެންމީހުންގެ އަބުރާއި އިއްޒަތަށް އަރައިގަންނަނީ އެވެ. އަދި އަންހެން ހެދިގެން އުޅޭ ފިރިހެނުންނާއި ފިރިހެން ހެދިގެން އުޅޭ އަންހެނުންވެސް ދިވެހި ޓިކްޓޮކް ތަރިންނޭ މި ކިޔާ މީހުންގެތެރޭގައި އެބައުޅެއެވެ.

ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަންވާނެއެވެ. ހިޔާލުފާޅުކުރުމުގައިވެސް ވަކި މިންގަނޑެއް އޮންނަވާނެއެވެ. އަދަބުވެރިކަން ނެތުނު މީހާ ދެދުނިޔޭން ގެއްލި ނިމިދާނެ އޭ ބުނާ ބީދައިން ޓިކްޓޮކްގައި ލަދެއް ނެތި އުޅޭނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެއެވެ.

އެހެންމީހުންނަށް އިހްތިރާމް ކުޑަކޮށް މުއާމަލާތް ކުރުމާއި މީހުންގެ އަބުރާއި އިއްޒަތަށް އަރައިގަތުމުގެ ކުރިން ވިސްނާލަމާތޯއެވެ. އެއީ ސަޅި ކަމެއް ކަމަށް ނުދެކޭށެވެ. އެފަދަ މީހުންގެ ލައިވްތަކަށް އަރާ ހިތްވަރުވެސް ނުދޭށޭވެ. އެފަދަ ވީޑީއޯތައް ޝެއާކޮށް އެއަށް ޖޯކްވެސް ނުޖަހާށެވެ. އެމީހެން އާއިލާއެއްވެސް އޮންނާނެ ކަމަށް ވިސްނާ އިހްތިރާމް ކުރާށެވެ.

ސޯޝަލް މީޑީއާގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ހިފާނަމަ އަންނަން އޮތް ޖީލުތަކަށް, އެ ޓިކްޓޮކް ތަރިންގެ ދަރިންނާއި ދަރިންނަށް މި ދެއްކެނީ ކޮން މިސާލެއްތޯއެވެ. ނަމޫނާއަކަށް އެ ކުދިން ބަލަން އޮތް މުޖުތަމައުގެ އިޖްތިމާއީ ފޭރާމުގައި މިފަދަ ބޮޑު ލައްގަނޑެއް ނުވަތަ ބާގަނޑެއް ހުރުމަކީ އެ ކުދިންނަށް ދެވޭ ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ނުވާނެތޯ ވިސްނާލުން ބުއްދިވެރި ނޫންތޯއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!