ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި އިންޑިއާއިން އައްޑޫގައި 220 މިލިއަން އެމެރިކާ ޑޮލަރު (3.39 ބިލިއަން ރުފިޔާ) އިންވެސްޓު ކޮށްފައި ވާނެ ކަމަށާއި އެކަމުން ދައްކުވައިދެނީ ރާއްޖޭގެ ވަކި ސަރަހައްދުތަކުގެ ތަރައްގީއަށް އެގައުމުން ދޭ މުހިންމުކަން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެއެވެ.
ޖައިޝަންކަރު އެހެން ވިދާޅުވީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އައްޑުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެ ދަތުރުފުޅުގައި އޭނާ ވަނީ އިންޑިއާގެ އެކްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމައި، ރަސްމީކޮށް ސަރުކާރާ ހަވާލުކޮށްފައެވެ.
ޖައިޝަންކަރު ވިދާޅުވީ އިންޑިއާއިން އައްޑޫގައި އެކަނި 220 މިލިއަން ޑޮލަރު އިންވެސްޓުކޮށްފައިވާ ކަމަށާއި އެގައުމުން ތަރައްގީއަށް ފޯރުކޮށްދޭ އެހީގެ މަގުސަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ފަހިކޮށްދޭ، ފައިދާތައް ހޯދައި ދިނުން ކަމަށެވެ. އެގޮތުން އިންޑިއާގެ 30 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އެންސީޕީއެލްއީ) އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އިންޑިއާއިން ދިވެހި ސަރުކާރާއެކު އައްޑޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ބައިވެރިވެފައި ވަނީ އައްޑޫ ސަރަޙައްދީ މަރުކަޒެއްގެ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށްޓަކައި ކަމަށެވެ.
އެ މަސައްކަތުގެ ދަށުން 184 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ނިމިފައި ވާކަމަށާއި 80 މިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގައި ހިމެނެނީ ފަތުރުވެރިކަން ތަރައްގީކުރުމަށާއި އައްޑޫގެ މުޅި އިގުތިސާދީ ތަރައްގީއަށް ބިން ހިއްކުން ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
”މިކަމުގެ ސަބަބުން މުޅި ސަރަހައްދަށް ކުރިއެރުން ލިބި، ވަޒީފާގެ ފުރުސަތުތަކާއި، ވިޔަފާރީގެ ފުރުސަތުތަކާއި، ވިޔަފާރި ކުރުމުގެ ފުރުސަތުތައް އިތުރުވާނެ،“ އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ރާޢްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ހަންކެޑެ ބްރިޖަކީ، ގައުކެޑި އާއި މަރަދޫ ގުޅައިލުމަށް އެ ދެމެދުގައި އަޅައިފައިވާ ބްރިޖެކެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ބުރިޖު އާންމުންނަށް ހުޅުވާލާނީ އަންނަ މަހެވެ.