އިންޑިއާ އައުޓް ފަދަ ސަރުކާރުގެ ސިޔާސަތާ ހިލާފު އެއްވެސް ކަމެއް ހިންގުމުގެ ޖާގަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމަށްފަހު ނުކުމެވަޑައިގެން ބައެއް މީޑިއާ ތަކުން ކުރެއްވެވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައުމުގެ ކުރިން ކޮށްފައިވާ “އިންޑިއާ އައުޓް” ކެމްޕެއިން ފަދަ ކެންޕެއިނެއް ކުރުމުގެ ފުރުސަތު ދެއްވާނެތޯ ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ޖާގަ ނުދެއްވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުން ވޯޓުދެއްވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބަލައިގެންފައި ކަމަށެވެ. އަދި ގައުމު ކުރިއަށް ގެންދާނީ އެ ސިޔާސަތު އިސްކޮށްގެން ކަމަށެވެ.
މީގެއިތުރުން މި ގައުމުގެ ތަރައްގީ ހުއްޓުވައިލަން، މި ގައުމުގެ ރައްކާތެރިކަމާއި މިނިވަންކަން ގެއްލޭނެ ގޮތަށް ދިވެހި ރައްޔިތުން ވެސް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިިހާ ގައުމަކާ ވެސް ގުޅިގެން ކުރިއަށް ދިޔުން ކަމަށެވެ.
ރާއްޖޭގައި މީގެކުރިން ކުރިއަށް ގެންދިޔަ “އިންޑިއާ އައުޓް” ކެމްޕެއިންގެ ސަބަބުން އިންޑިއާއާއި ރާއްޖެއާއި ދެމެދުގައިވާ ދުވަސްވީ ގުޅުމަށް ވަނީ ހީނަރުކަމެއް އައިސްފައެވެ. އޭގެ ސަބަބުން އިންޑިއާ މާކެޓްވެސް ވަނީ ވަރަށް ބޮޑަށް ދަށް ވެފައެވެ.
ސަރުކާރުން އިންޑިއާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ދަނީ ގިނަ މަސައްކަތް ތަކެއްވެސް ކުރައްވަމުންނެވެ.