ކުރިއަށް އޮތް ތިން ދުވަހު މާލެ އަށް އެއް މަސްދުވަހުގެ ވާރޭވެހުން އެކަށީގެންވާ ކަމަށް އަލްޖަޒީރާގެ އިންޓަނޭޝަނަލް ވެދާ ރިޕޯޓިންގައި މިއަދު ބުނެފި އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގެ މޫސުން ލަފާކޮށް، އަލްޖަޒީރާ އިން ގެނެސްދިން ވެދާ ރިޕޯޓުގައި ބުނީ، ރާއްޖޭގެ ވެރިރަށް މާލެ އަށް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި އެއް މަސްދުވަހުގެ ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މި ހަފުތާގައި މުޅި ރާއްޖެ އަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވެސް ވަނީ މިދިޔަ ހަފުތާގައި ލަފާކޮށްފަ އެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް ވަނީ 30.8 މިލިމީޓަރު ވާރޭވެހިފަ އެވެ. ހުޅުލެއަށް 59.4 މިލިމީޓަރުގެ ވާރޭ އަދި ހުޅުމާލެއަށް 31.5 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.
މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ މިދިޔަ މެއި މަހު ލަފާކޮށްފަ އެވެ. އެ އޮފީހުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ޖޫން މަހާއި ޖުލައި މަހާއި އޮގަސްޓް މަސް އަދި ސެޕްޓެމްބަރު މަހުގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ އިތުރަށް ވާރޭވެހުން އެކަށީގެންވެ އެވެ. އެކަމަކު، ރާއްޖޭގެ ދެކުނަށް އެ ދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ މަދުންނެވެ.
މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 9:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ.
ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލަށް ވައި ބާރުވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.
މި ހަފުތާގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެންޑީއެމްއޭ އާއި ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.