އީރާނުގެ ހަމަލާއަކަށް ބިރުން އިސްރާއީލް ”އެލާޓް“ގައި ތުރުތުރު އަޅަނީ!
ދެންމެ | 13 އޯގަސްޓް 2024

އީރާނުން އިސްރާއީލަށް ހަމަލާތަކެއް ދީފާނެ ކަމަށް ބަލައި، އިސްރާއީލް އޮތީ އެލާޓްގައި ކަމަށް އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު، ޑެނިއަލް ހަގަރީ ބުނެފިއެވެ.

އީރާނުން އިސްރާއީލަށް ހަމަލާތަކެއް ދޭން ރާވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް މަދު ވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލަށް ހަމަލާތަކެއް ދީފާނެ ކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި އިސްރާއީލުން ވެސް ވަނީ އީރާނުގެ ހަރަކާތްތައް ހުރިގޮތް ބަލައި، ސަލާމަތީ ގޮތުން ފިޔަވަޅު އަޅަން ފަށާފައެވެ.

ހަގަރީ ބުނެފައިވަނީ އީރާން ނުވަތަ ހިޒްބުﷲއިން ހަމަލާއެއް ދީފާނެ ކަމަށް ބަލައި، އާންމުން އަމަލު ކުރަން ޖެހޭ ވަކި ކުއްލި ގައިޑްލައިންތަކެއް ނެތް ކަމަށާއި އެފަދަ ހަމަލާއަކަށް އިސްރާއީލުގެ އަސްކަރިއްޔާ އޮތީ ”ޕީކް އެލާޓް“ ގައި ކަމަށެވެ.

”ފަހަކަށް އައިސް އަހަރުމެން މިދަނީ އަހަރުމެންގެ ދުޝްމަނުންނާއި މެދުއިރުމަތީގެ، ހާއްސަގޮތެއްގައި ހިޒްބުﷲއާއި އީރާނުގައި ހިނގަމުންދާކަންކަން ބަލަމުން“ ހަގަރީ ބުންޏެވެ.

އޭނާ ބުނެފައިވަނީ އިސްރާއީލުގެ ވައިގެ ސިފައިން އަންނަނީ ލުބުނާނުގައި ހިންގަމުން އަންނަ ޕެޓްރޯލް އޮޕަރޭޝަންތައް ކުރިއަށްވުރެ އިތުރުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ނުރައްކަލެއް އޮތަސް އެކަން ދެނެގަނެ، ހުއްޓުވޭނެ ކަމަށެވެ.

”ދުޝްމަނުންގެ ބަޔާންތަކާއި ވާހަކަތައް އަހަރުމެން ނަގަނީ ސީރިއަސްކޮށް، އެހެން ކަމުން ދިފާއުވުމަށް މިތިބީ ވަރަށް ތައްޔާރަށް“ އޭނާ ބުންޏެވެ.

އީރާނުން އިސްރާއީލަށް ހަމަލާތަކެއް ދޭން ނިންމާފައިވަނީ އީރާނުގެ ވެރިރަށް، ތެހެރާނުގައި ހުންނަވަނިކޮށް، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރު، އިސްމާއީލް ހާނިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!