ބައިވެރިޔާ އެދިއެދި އޮއްވާ އެންދާން ނުކޮށް ނިދުމަކީ ފާފައެއް!
ދެންމެ | 13 އޯގަސްޓް 2024

ދެމަފިރިންވެސް ނިދަންވާނީ އަނެކާ ހިތްހަމަޖެހޭނެ ފަދަ ހުވަނދެއް ލައިގެންނެވެ. އެގަޑީގައި ގައިގައި ލޯޝަން އުނގުޅިނަމަވެސް އުނގުޅަންޖެހޭނީ ތިމާއަށް މީރުވަސްދުވާ ލޯޝަނެއް ނޫނެވެ. އަނެކާއަށް މީރުވަސްދުވާ ލޯޝަނެކެވެ. ސަބަބަކީ އެވަޤުތަކީ އެންމެ ބޮޑަށް ބައިވެރިޔާ ހިތްހަމަޖައްސައިދޭންޖެހޭ ވަޤުތުކަމަށްވާތީއެވެ.

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ބައެއް މީހުން މިވާހަކަ މިގޮތަށް ދައްކަން ލަދުގެންފާނެއެވެ. ނަމަވެސް އަހުރެން މިވާހަކަ ދައްކަން ބޭނުމެވެ. އަހުރެމެންގެ ދީނަށް ނަޞްރުލިބި ކުރިއެރުން ލިބެން އޮތީ ކައިވެނިތައް ހަރުދަނާ ގޮތުގައި ދެމިއޮތް ވަރަކުން ކަމަށްވާތީއެވެ. ވަރިކުރުން މަދުކުރެވުނު ވަރަކުން ކަމަށްވާތީއެވެ.

ދެމަފިރިން އެކުގައި ރޭކުރުމަކީ ކައިވެނި ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް އޮތް އެންމެ ބޮޑު އެއްބާރެވެ! އަދި އެއީ ކައިވެނީގެ ޝަރުޠުތަކުގެ ތެރެއިން ޝަރުތެއްވެސްމެއެވެ. އެހެންކަމުން އެއީ އިކްތިޔާރީކަމެއް ނޫނެވެ. އެއީ ވާޖިބުކަމެކެވެ. އަދި ﷲ ތަޢާލާ އެކަން ލައްވަވާފައިވަނީ ޘަވާބު ދެއްވަވާ ކަމެއްގެ ގޮތުގައިކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ ވަރަށް ގިނައިން ކިޔައިދެވޭ ޙަދީޘްފުލަކަށްވާތީ ތަފްޞީލަށްދާކަން މިވަޤުތަކު ނެތީމެވެ.

ނިދަން އެކުގައި އެނދަށްއެރިނަމަވެސް އެކަކު ކިތަންމެ ބޮޑަށް ބޭނުންވެގެން އޮތަސް އެކަމަށް އިޙްތިރާމްނުކޮށް އެނދުގެ އަނެއްފަރާތުގައި ފޯނާކުޅެން އޮވެގެން ނިދާނަމަ އެމުގުރައިލެވެނީ ކައިވެނީގެ ޝަރުޠެކެވެ. އެހެންކަމަށްވާއިރު އަނބިމީހާއަށް ނިދޭފަހުން ގެއަށް އައިސް އެނދުގެ އެއަރިމަތީގައި ނިދަން އޮތުމުން ފާފަވެރިވާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ.

މިނުބައި އާދަތައް ދޫކޮށްލަން އެބަޖެހެއެވެ. ދެމަފިރިންނަކީވެސް ކައިވެނީގެ ޝަރުޠުތައް ނަގަހައްޓައި ދަމަހައްޓައި ޢަމަލުކުރާ ބައަކަށްވާން އެބަޖެހެއެވެ! ކަންކަން މިހެން އޮތުމުން އަހުރެން ބުނާނީ ކައިވެނި ރޫޅެންޖެހުނު ސަބަބަކަށް ތިމާ ނުވާށެވެ! މަޤްބޫލު ސަބަބެއް ނެތި ކައިވެނި ރޫޅުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ. ވީމާ ކައިވެންޏަށް އިހްމާލުވުމަކީ ކުރެވޭ ފާފައެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!