ސާމަރާ ދޫންޏަކުން ރިހަ ގަނޑެއް ކެއްކި ޔޫޓިބަރަކު ހައްޔަރު ކޮށްފި
ދެންމެ | 14 އޯގަސްޓް 2024

އިންޑިއާގެ ސޯޝަލް މީޑިއާ ތަރިއަކަށް ވާން އުޅޭ މީހަކު އެ ގައުމުގެ ހިމާޔަތްކޮށްފައިވާ ގައުމީ ދޫނިކަމަށްވާ، ސާމަރާ ދޫނީގައި ރިހަ ކައްކާ ވީޑިއޯއެއް އާންމުކުރުމުން ހައްޔަރުކޮށްފިއެވެ.

އިންޑިއާ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮދަމް ޕްރަނާއީ ކުމާރު ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

އޭނާގެ ފޯނުން ކޮށްފައިވާ އެ ވީޑިއޯގައި ފެންނަނީ ސާމަރާ ދޫންޏެއްގައި ރިހަ ކައްކާ މަންޒަރުކަން ޔަގީން ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެފައިވެއެވެ. ނަމަވެސް, އެ ވީޑިއޯ މިހާރު ވަނީ ކުމާރުގެ ޔޫޓިއުން ޗެނަލުން ނަގައިފައެވެ.

”މިހާރު އޭނާ ހުރީ ވައިލްޑްލައިފް ޕްރޮޓެކްޝަން ގާނޫނުގެ ދަށުން 14 ދުވަހުގެ މުއްދަތަކަށް ޖަލުގައި. ޖަލުގައި ބަހައްޓާނީތޯ ނުވަތަ ކަފާލާތުގެ ދަށުން ދޫކޮށްލާނީތޯ ނިންމާނީ ކޯޓުން,“ އިންޑިއާގެ ތެލަންގާނާގެ ދެކުނު ސްޓޭޓްގެ ޕޮލިސް ސުޕައިންޓެންޑެންޓް އަކިލް މަހާޖަން ވިދާޅުވިއެވެ.

އަދި, ކުމާރު ސާމަރާ ދޫނި ހޯދިގޮތް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ވީޑިއޯ އޭނާ ހަދާފައިވަނީ ޗެނަލްގެ ވިއުއާޝިޕް ގިނަ ކުރުމަށެވެ. ނަމަވެސް، އެ ވީޑީއޯއަށް މާ ބޮޑު ތަރުހީބެއް ނުލިބޭ ކަމަށާއި، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށްފައި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ސާމަރާ ދޫންޏަކީ އިންޑިއާގެ ގައުމީ ދޫންޏެވެ. އެ ދޫނި ހިމާޔަތްކޮށްފައިވަނީ އިންޑިއާގެ ޖަނަވާރުތަކާ ބެހޭ ގާނޫނުގެ ދަށުންނެވެ.

ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ސާމަރާ ދޫނީގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާއިރު، އެ ދޫނި ޝިކާރަކޮށް ގެއްލުން ދީފިނަމަ، ވަލު ޖަނަވާރުތަކުގެ ގާނޫނުތަކުގެ ދަށުން ހަރުކަށި އަދަބުތަކާއި ޖޫރިމަނާތައް ވަނީ ކަނޑައަޅައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!