ހައިކޯޓް ހުކުމްއަކުން އަލީ ސުލައިމާން ލޮލުން ޗޫސްލާފައި ކަރުނަ އޮހިގެންފި
ދެންމެ | 14 އޯގަސްޓް 2024

ޓީވީ ސްކްރީނުން އޭނާ ގެއްލުނީ ކީއްވެތޯ ވަރަށް ގިނަ މީހުން އެހިކަމަށާއި، އެކަން އޮޅުންފިލުވަން ބޭނުންވި މީހުންނަށް 5 އަހަރު ފަހުން އެޙަޤީޤަތް ހާމަކޮށްދިނުމުގެ ގޮތުން ހަނދާނާއި ތާރީޚަށްޓަކައި އެވާހަކަ ލިޔެލީ ކަމަށް ބުނެ ވަރަށް ތަފުޞީލުކޮށް އޭނާގެ ފޭސްބުކްގައި ލިޔެފައި ވެއެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމި، ޤާސިމް އާއި ސިޔާދު މިނިވަން ވުމަށްފަހުގައި، އަދި އެމްޑީޕީ ސަރުކާރުން މިލިޔަނުން ވިލާގުރޫޕަށް ބަދަލުތައް ދޭންފެށުމާއި އެކު 2019 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ވީޓީވީއަށް ސިޔާދު ފޮނުވި މީހަކު އައި ކަމަށާއި، އޭނާ އައީ ސިޔާދު ފޮނުވައިގެން ވީޓީވީ ހިންގާ އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ކަމަށެވެ. އޭނާ އަކީ ވެސް ވެރިކަން ބަދަލުވުމާއި އެކު ޖަލުން ނުކުމެގެން އައި މީހެއް ކަމަށެވެ. ފުރަތަމަވެސް އޭނާ އައިސް ދިމާކޮށްލީ ނިއުސްރޫމުގައި ތިބި ސީނިއަރ ނޫސްވެރިންނާ ކަމަށެވެ. ނަފުސާނީ ގޮތުންނާއި މާލީ ގޮތުން ދަތިކޮށް ބިރުދައްކައި ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި ހެދި ކަމަށެވެ. އެކަންތައް ގަނޑުގެ ތެރޭގައި އެންމެ ފުރަތަމަ ވީޓީވީގެ ސްކްރީނުން ގެއްލުނީ މުޅިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ވީޓީވީގެ އެންމެ މޮޅު ޕްރެޒެންޓަރުގެ ގޮތުގައި ބަލައިގަތް އެކެއް ކަމަށެވެ. އަހަރެމެންނާއި އެކު ޤާސިމާއި ސިޔާދުގެ ޙައްޤުގައި ނުކައި ނުބޮއެ މަސައްކަތް ކުރި އެކަކު ކަމަށެވެ. އޭނާގެ ވަކިވުން މުޅި ވީޓީވީގެ ސްކްރީން ފަޅުކޮށްލި ކަމަށެވެ. އޭގެ ފަހުން ރޭވިގެން އިންތިޒާމްވެގެން ފަހަރަކު މީހަކާ ދިމާކޮށް ތަނުން ބޭރުކޮށްލަމުން ދިޔަކަމަށެވެ.

އޭނާ ބޭރުކޮށްލަން އޭނާ ބޭނުންވީ އޭނާގެ ނިންމުންތަކަށް ޖަދަލު ކުރީތީ ކަމަށާއި، ނޫސްވެރިކަމުގެ އަޚުލާޤާއި ސުލޫކާއި ޚިލާފަށް އޭނާ ސީނިއަރ މީހުން ލައްވައި ސިޔާސީ ހަޑި ނުހޭވޭތީ ކަމަށެވެ.

އިންޑިއާ ސަރުކާރާއި ދެކޮޅު ޚަބަރެއް ކިޔުން، މައްސަލައަކަށް ހަދައި، މަޤާމު ބަދަލުކޮށް އިނާޔަތްތައް ނުލިބޭ ގޮތް ހެދުމުން، މަހަކު އެގާރަހާސް ރުފިޔާ މުސާރައިން އުނިވެ، ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސޭ ހާލަތަށް ދިޔަ ކަމަށެވެ. އެވަރު ކުރުމުންވެސް ވަޒީފާއިން އަމިއްލައަށް ވަކި ނުވުމުން، ވަޒީފާއިން ވަކިކުރީ ރިޑަންޑަންސީގެ ތެރެއިން ކަމަށް ބުނެކަމަށެވެ.

17 އޮގަސްޓް 2019 އަކީ ވީޓީވީގެ ސްކްރީނުން އޭނާ ދެވަނައަށް އެންމެ ފަހުން ފެނުނު ރޭ ކަމަށާއި، އެއީ އިންޑިއާ ޚަބަރުކީ ރޭ ކަމަށެވެ. އޭނާ އާއި މެދު ފިޔަވަޅު އެޅި މީހާ ބުނީ، އެޚަބަރުގެ ޝަކުވާ، ޤާސިމަށް އުފުލީ އިންޑިއާ އެމްބަސީން ކަމަށެވެ. ހަމަ އެހޫނުކަން މަތީގައި އޭނާ ވަޒީފާއިން ވަކިކުރަން ޤާސިމް އެންގެވި ކަމަށެވެ. އޭނާ ހެދީ ތެދެއްކަމެއް ދޮގެއް ކަމެއް ޤާސިމް އެއެއްޗެއް ވިދާޅު ނުވާތީ، މިއަދާ ހަމައަށްވެސް ނޭނގޭ ކަމަށެވެ.

30 އޮކްޓޫބަރު 2019 އަކީ ވީޓީވީގައި އޭނާ ވަދާޢީ ޚަބަރުކީ ރޭ ކަމަށާއި، އޭގެ ފަހުން ޓީވީއެއްގެ ރަސްމީ ނިއުސް ބުލެޓިންގ އެއްގައި، ޚަބަރެއްކީ މިއަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 10 ޖެހިއިރު ޕީއެސްއެމްގެ އަހަރީ ދުވަހާއި ގުޅުވައި ޕީ.އެސް.އެމް ނިއުސް ޗެނަލްގައި ކަމަށެވެ.

ޓީވީ ޚަބަރުކިޔުމަކީ އޭނާ އެންމެ ކުރާހިތްވި ކަންތައް ކަމަށާއި، ވީޓީވީން ވަކިވުމަށްފަހު ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ޕީއެސްއެމް ނިއުސްގައި 1 އަހަރު ދުވަހު މަސައްކަތް ކުރި އިރު، ކޮންމެވެސް ސަބަބަކާއި ހުރެ ޕީއެސްއެމް ނިއުސް ރޫމް ހިންގަން ތިބި މީހުންވެސް އެފުރުޞަތުދޭކަށް ބޭނުމެއް ނުވިކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!