ދިވެހި ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނުން 13 މިލިޔަން ލީޓަރުގެ ފެން ހިންދައިފި
ދެންމެ | 14 އޯގަސްޓް 2024

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރާގައި މާލެއިން 13 މިލިއަން ލީޓަރުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭގެ 12:23 އާ ހަމައަށް މާލެއިން 13 ހާސް ޓަނުގެ ފެން ބޭރު ކުރި ކަމަށެވެ.

އޭގެ އިތުރުންވެސް މާލޭ އޭރިއާ ކޮމާންޑާއި އެކިއެކި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންސް ތަކުގައި ރޭގެ 12:52 އާ ހަމަޔަށް 208 ގެއަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން، ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ 10 ސަރަހައްދެއްގެ ތެރެއިން ހަ ސަރަހައްދެއް އާންމު ހާލަތަށް ގެނެވުނީ ރޭ 12:01 ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އޭގެ އިތުރުން އެމްއެންޑީއެފް އިން ބުނީ ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން، ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ހުރިހާ ސަރަހައްދެއްވެސް މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ (މެޓް އޮފީހުގެ) ތަފާސް ހިސާބުތަކުން ދައްކާގޮތުން އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ މާލެއަށެވެ. އެއީ 89.4 ލީޓަރުގެ ވާރޭއެވެ.

ރާއްޖެއަށް ކުރަމުންދިޔަ ވިއްސާރައިގައި ފެން ބޮޑުވުމުގެ ހާދިސާތަކުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އުތުރުގެ ގިނަ ރަށްތަކެއްގައި އެހީތެރިކަން ފޯރުކޮށްދިން ކަމަށާއި ވިއްސާރައިގައި ހއ. ހޯރަފުށި، ހއ. ކެލާ، ހއ. އިހަވަންދޫގެ އިތުރުން ހދ. ނޮޅިވަރަންފަރާއި ހދ. ހަނިމާދޫ އަދި ކުޅުދުއްފުށި ސިޓީގައި ސިފައިން ވަނީ ހަރަކާތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ހަމައެއާއެކު އައްޑޫ ސިޓީ ފޭދުއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ކުރިކަމަށާއި ހިތަދޫގެ ގެއެއްގެ ފުރާޅު ހަލާކުވެގެން ވަގުތީ ހައްލެއް ގެނެސްދިނުމަށްޓަކައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން އަތޮޅުތަކުގެ ރަށްތައް ހިމެނޭހެން ގިނަ ގެތަކަށް ފެންވަދެ ނަޖިސް ފެން ގޭތެރެއަށް ބޭރުވުމާއި ވަގުތީ ހިޔާތަކަށް ބަދަލުވާން ޖެހުމުން އާންމުންނަށް ވަނީ ގިނަ ދަތިތަކާ ކުރިމަތިވެފައެވެ. އެހެންވެ ސަރުކާރުން މިއަދު ވަނީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!