ސިހްރު ހެދިކަމަށް ބުނި، ސަމްނާޒަށް ދައުވާ ނުކުރަން ނިންމައިފި
ދެންމެ | 14 އޯގަސްޓް 2024

އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމަށް ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕީޖީގެ މީޑިއާ އޮފިޝަލް މިއަދު ރަސް އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޝަމްނާޒަށް ދަޢުވާ ނުކުރުމަށް އެ އޮފީހުން ނިންމީ ދަޢުވާ ކުރުމަށް އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ކަމަށެވެ.

ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޖޫން 23 ގައި ހައްޔަރުކުރި ޝަމްނާޒް މިހާރުވަނީ ބަންދުން ދޫކޮށްލާފައެވެ. އޭނާ ބަންދުން ދޫކޮށްލީ، އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމްނާޒަށް ފުލުހުން ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތެވެ. އޭނާ ސިހުރު ހެދީ ސިޔާސީ ގޮތުން ރައީސް މުއިއްޒުއާ ކައިރިވުމަށް ކަމަށް ވަނީ އަޑު ފެތުރިފައެވެ.

އެ މައްސަލައިގައި ޝަމްނާޒް ހިމެނޭގޮތަށް ޖުމްލަ 3 މީހެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔައެވެ. ނަމަވެސް އެ ހުރިހާ މީހުންވެސް މިހާރުވަނީ ބަންދުން ދޫކޮށްލާފައެވެ.

ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އަދި އާދަމް ރަމީޒްވެސް މިވަގުތު ހުންނެވީ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!