ޑްރަގް އެތެރެކުރުމުން، މަރުގެ އަދަބު ދޭން ގާނޫނަށް އިސްލާހް ހުށަހަޅަން ނިންމައިފި
ދެންމެ | 14 އޯގަސްޓް 2024

ރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅާ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ބިލެއް ހޯމް މިނިސްޓްރީން ޑްރާފްޓްކޮށްފިއެވެ.

މި ބިލުގައި ވަނީ، ބިލުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް 500 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭ ގޮތަށެވެ. ބިލުގެ ޖަދުވަލު އެކެއްގައި ހިމެނެނީ، މަަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ ނުވަތަ ހިމެނޭ އެއްޗިއްސެވެ.

ޖަދުވަލު ދޭއްގައި ހިމެނެނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް އެކުލެވިގެން ތައްޔާރުކުރާ އުފެއްދުންތަކެވެ. އަދި ޖަދުވަލު ތިނެއްގައި ހިމެނެނީ، މަަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ

އާލާތްތަކާއި އެއްޗެއްސާއި ކެމިކަލް ނުވަތަ މާއްދާތަކެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ވާގޮތުން، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. ނުވަތަ 100،000 ރުފިޔާއާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅާފައި އޮންނަނީ ހަމައެކަނި، މަރުގެ މައްސަލަތަކަށެވެ. އެހެންކަމުން، މިއީ މަސްތުވާތަކެތީގެ މައްސަލައެއްގައި މިފަދަ ހަރުކަށި އަދަބެއް ދޭން ސަރުކާރަކުން ހުށަހެޅި ފުރަތަމަ ފަހަރެވެ.

މަރުގެ މައްސަލަތަކުގެ އަދަބެއްގެ ގޮތުން މަރަން ހުކުމް ކުރާނަމަވެސް، އެކަން ރާއްޖޭގައި ތަންފީޒު ނުކުރާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.

ގޭންގު ކުށްތައް ހުއްޓުވުމަށް ޓަކައި އެއް މިލިއަން ރުފިޔާއާ ހަަމައަށް ޖޫރިމަނާކުރެވޭނެހެން ހަރުކަށި ބިލެއް ވެސް ޑްރާފްޓުކޮށް މިއަދު ހޯމް މިނިސްޓްރީން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!