އިންޓަރނެޓްގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ފުލުހުން ދަރިވަރުންނަށް ކިޔައިދީފި
ދެންމެ | 15 އޯގަސްޓް 2024

ފ. ބިލެތްދޫ ޕޮލިހާއި ރަށު ކައުންސިލާއި ސްކޫލު ގުޅިގެން އެ ސްކޫލުގެ ގްރޭޑް 6 އިން މަތީގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތުދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 11 ވަނަ ދުވަހު ވަކިވަކިން ކުރިއަށް ގެންދިޔަ މިސެޝަންތަކުގައި މައުލޫމާތުދީފައިވަނީ އިންޓަނެޓުގެ ބޭނުން ހެޔޮގޮތުގައި ހިފައި އަދި އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމާ ގުޅޭގޮތުންނެވެ.

އެގޮތުން ދަރިވަރުންނަށް މައުލޫމާތުދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، ދަރިވަރުން އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންވީ ކަންކަމާއި، އިންޓަނެޓު މެދުވެރިކޮށް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގަމުންދާ ކުށްތަކާއި، އެފަދަކަމެއް ދިމާވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތްތައް އޮޅުންފިލުވައިދީފައިވެއެވެ. އަދި ސްކޭމްތަކާއި، ސްކޭމްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ދަރިވަރުންގެ އުމުރާ ގުޅޭގޮތުން އޮޅުން ފިލުވާދީފައިވެއެވެ.

ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި ދަރިންނަށް ފޯނާއި ލެޕްޓޮޕާއި އަދި އެނޫން ވެސް އިންޓަނެޓް ބޭނުންކުރެވޭ ވަސީލަތްތައް ދީފައި ހުންނައިރު ސަމާލުކަންދޭންވީ ކަންކަން އޮޅުންފިލުވާދީފައިވެއެވެ. އަދި ސައިބަރބުލީން ފަދަކަމެއް ކުއްޖަކަށް ދިމާވެއްޖެ ނަމަ އާންމުކޮށް ފެންނާނެ އަލާމަތްތަކާއި އެފަދަކަމެއް މެދުވެރިވެއްޖެނަމަ އަމަލުކުރަންވީގޮތް އޮޅުންފިލުވައިދީފައިވެއެވެ. އަދި ބެލެނިވެރިން ބޭނުންކުރާ މެއިލް އަދި އެޕްލިކޭޝަންތަކުގައި ސެކިއުރިޓީ ފީޗާސް ވަރުދަގަ ޕާސްވޯޑު ބޭނުންކުރަން ކިޔައިދިނުމާއި، ސްކޭމްތަކުން ސަމާލުވަށާއި ސްކޭމްގެ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތް އޮޅުންފިލުވާދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!